ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް-
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް-
ސަރުކާރުން ހުރިހާ ބާރުތަކެއް މުށުތެރެއަށް ގެނެސް، ދުސްތޫރީ ނިޒާމު ކިލަނބު ކުރަމުންދާ ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް މިހެން ވިދާޅުވީ، "އަދަދު" ނޫހުގެ ނޫސްވެރިން ހައްޔަރުކުރުމާ ގުޅިގެން ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލައި ރޭ މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން 9 މީހަކު 15 ދުވަހަށް ބަންދު ކުރުމާ ގުޅިގެން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފައިސަލް ވިދާޅުވީ މިއަދު ފެންނަމުން މިދަނީ ހުރިހާ ބާރު ތަކެއް މުށު ތެރެއަށް ގެނެސް، ހިފެހެއްޓުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ކަމަށެވެ. އަދި ދުސްތޫރީ ނިޒާމު ކިލަނބުވެ، ރައްޔިތުންނަށް ގެއްލުން ލިބޭ މަންޒަރު ބަލަން ރައްޔިތުން އަބަދު ނުތިބޭނެ ކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.

"ރައްޔިތުން ޤާނޫނު އަސާސީ އިން ހޯދާފައިވާ ހައްގު ތަކަކީ، ވަރަށް ބުރަ މަސައްކަތާއި، ވަރަށް ބޮޑު ޤުަރުބާނީން ހޯދާފައިވާ ހައްގު ތަކެއް،" ފައިސަލް ވިދާޅުވިއެވެ.

ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަން ކުރުމަށާއި، ނޫސްވެރި ކަމުގެ މިނިވަން ކަމުގެ ހައްގުގައި އަޑު އުފުލުމުގެ ތެރެއިން ހައްޔަރު ކޮށްފައިވާ އެންމެހާ ފަރާތްތައް ވަގުތުން ދޫކޮށްލުމަށްވެސް ފައިސަލް ވަނީ ގޮވާލައްވާފައެވެ.

ފައިސަލް މިފަދަ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައި ވާއިރު، ފުލުހުން ބުނީ ރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިން މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު