މިއަދުު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
މިއަދުު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ތަރައްޤީގެ މަޝްރޫޢެއް ނުހިންގާ ނޯންނާނެ ކަމަށާއި، ބައެއް ރަށްރަށުގައި އެއް މަޝްރޫޢުއަށްވުރެ ގިނަ މަޝްރޫޢުތައް މިހާރުވެސް ހިނގަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި "ޕްރެސާ ވިތް ސްޕޮކްސް" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަނީ ހަމަހަމަކަމާއެކު ހުރިހާ ރަށަކަށް އަމާޒުކޮށްގެން ކަމަށެވެ. އަދި ބައެއް ފަރާތްތަކުން މަޝްރޫޢުތައް ހުއްޓިފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް އޭނާ ވަނީ ރައްދު ދެއްވާފައެވެ.

މި ސަރުކާރުން ވޭތުވެދިޔަ 45 އެއްހާ ދުވަހުގެ ތެރޭގައި ދައުލަތުގެ ދަރަނީގެ ގޮތުގައި 971 މިލިއަން ޑޮލަރު ދައްކައި ޚަލާސްކޮށްފައިވާކަން މުންދު ފާހަގަކުރެއްވިއެވެ. މި ފައިސާ ދައްކާފައިވަނީ މަރުކަޒީ ބޭންކް (އެމްއެމްއޭ) އާއި ފިނޭންސް މިނިސްޓްރީ ގުޅިގެންނެވެ. މުންދު ވިދާޅުވީ، މިހާ ބޮޑު ދަރަންޏެއް ދެއްކި ނަމަވެސް، އެކަން ކޮށްފައިވަނީ ތަރައްޤީގެ މަޝްރޫޢުތަކަށް ނުވަތަ ޕީއެސްއައިޕީ ބަޖެޓަށް ކަނޑައަޅާފައިވާ ފައިސާ ބޭނުންކޮށްގެންނެއް ނޫން ކަމަށެވެ.

"އެކަން ކޮށްފައިވަނީ ބަޖެޓްގެ ތެރެއިން، ނުވަތަ މަޝްރޫޢުތަކުގެ ޕީއެސްއައިޕީ އެކަށައަޅާފައި ހުރި ލާރި، ޑޮލަރު ނުވަތަ ދިވެހި ރުފިޔާވިޔަސް، އެއަށް ހުޢްޓުމެއް އަރުވައިގެން ނުވަތަ ބޭނުންކޮށްގެނެއް ނޫން." ތަރުޖަމާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ސުކޫކަށް ދައްކަންޖެހޭ ފައިސާ ދައްކާފައިވަނީ ސަރުކާރުން ބަލަހައްޓަމުންދާ ސިންކިންގ ފަންޑުގައި ހުރި ފައިސާއިން ކަމަށާއި، އެއީ ވަރަށް ޒިންމާދާރުކަމާއެކު ކުރެވުނު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެއިތުރުން މުންދު ވިދާޅުވީ، ސަރުކާރުން އަދާކުރާ ދަރަންޏެއްގެ ސަބަބުން އެއްވެސް މަޝްރޫޢަކަށް ލޮޅުމެއް ނާންނާނެ ކަމަށެވެ. ނަމަވެސް ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ކޭޝް ފްލޯއަށް ބައެއް އަސަރުތައް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ކޭޝް ފްލޯއަށް އަންނަ ބަދަލާއެކު މަޝްރޫތަކުގެ ޓައިމްލައިނަށް ބަދަލު އައި ނަމަވެސް އެއްވެސް މަޝްރޫޢުއެއް ހުއްޓައެއް ނުލާނަން." މުންދު ވިދާޅުވިއެވެ.

މުންދު މިހެން ވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ އިޤްތިޞާދީ ގޮންޖެހުންތަކާއެކުވެސް، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު