ޓްރަމްޕް އާއި ޝީ ގެ ބައްދަލުވުން
ޓްރަމްޕް އާއި ޝީ ގެ ބައްދަލުވުން
ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ބޭއްވެވި މުހިންމު ސަމިޓަށް ފަހު، ތައިވާނުން ރަސްމީކޮށް މިނިވަންކަން އިޢުލާނު ނުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ.

ބޭޖިންގްގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ބައްދަލުވުންތަކަށްފަހު ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އެއްވެސް ފަރާތަކުން މިނިވަންކަން އިޢުލާނުކޮށްގެން އުޅޭތަން ދެކެން ބޭނުންފުޅު ނުވާ ކަމަށެވެ. މީގެ އިތުރުން، 9،500 މޭލް ދުރަށް ދަތުރުކޮށް ހަނގުރާމައެއްގެ ތެރެއަށް ވަންނަން އެމެރިކާ ބޭނުންނުވާ ކަމަށާއި، މަޞްލަޙަތު ފިނިކުރުމަށް ހުރިހާ ފަރާތްތަކަކަށް ޓްރަމްޕް އިލްތިމާސްކުރެއްވިއެވެ.

ތައިވާނުގެ ރައީސް ލައި ޗިންގް-ތޭ މީގެ ކުރިން ވިދާޅުވެފައިވަނީ، ތައިވާނަކީ މިހާރުވެސް މުސްތަޤިއްލު ދައުލަތެއް ކަމަށްވާތީ، ވަކިން މިނިވަންކަން އިޢުލާނުކުރަން ނުޖެހޭ ކަމަށެވެ. ނަމަވެސް ޗައިނާއިން ދެކޭ ގޮތުގައި ތައިވާނަކީ އެ ޤައުމުގެ ބައެކެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި ބާރުގެ ބޭނުންކޮށްގެން ނަމަވެސް އެ ރަށް ޗައިނާގެ ދަށަށް ގެންދާނެ ކަމުގެ އިންޒާރު ބޭޖިންގްއިން ވަނީ ތަކުރާރުކޮށް ދީފައެވެ.

އެމެރިކާއިން ޒަމާނުއްސުރެ ގެންގުޅޭ "ވަން ޗައިނާ" ސިޔާސަތުގެ ދަށުން، ޓައިވާނުގެ މިނިވަންކަމަށް ވޮޝިންގްޓަނުން ތާއީދެއް ނުކުރެއެވެ. އެހެންނަމަވެސް، ޤާނޫނީ ގޮތުން ޓައިވާނުގެ ދިފާޢީ ބާރު ވަރުގަދަކުރުމަށް އެހީތެރިވުމަކީ އެމެރިކާގެ މައްޗަށް އޮތް ޒިންމާއެކެވެ. މިދިޔަ އަހަރުގެ ފަހުކޮޅު ޓްރަމްޕްގެ ސަރުކާރުން ވަނީ 11 ބިލިއަން ޑޮލަރުގެ ހަތިޔާރު ތައިވާނަށް ވިއްކުމަށް ނިންމާފައެވެ. މިކަމާ ގުޅޭގޮތުން ރައީސް ޝީއާ އެކު މަޝްވަރާ ކުރެއްވި ކަމަށާއި، ވަރަށް އަވަހަށް ތައިވާނުގެ ވެރިޔާއާ ވާހަކަދައްކަވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

މި މައްސަލާގައި ތައިވާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ޗެން މިންގް-ޗީ ވިދާޅުވީ، ޓްރަމްޕްގެ ވާހަކަފުޅުތަކުގެ އަސްލު މާނަ ސާފުކުރަން ޖެހޭ ކަމަށެވެ. އަދި އެމެރިކާއިން ހަތިޔާރު ފޯރުކޮށްދިނުމަކީ ސަރަޙައްދީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ތައިވާނުގެ ފޮރިން މިނިސްޓަރ ލިން ޗިއާ-ލުންގް ވިދާޅުވި ގޮތުގައި، އެމެރިކާއާއި ޗައިނާގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތައް އެ ޤައުމުން ވަރަށް ގާތުން ބަލަމުންދެއެވެ. އަދި ތައިވާނުގެ މަޞްލަޙަތުތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢާ އެކު އޮންނަ ގުޅުންތައް ބަދަހިކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރަޙައްދީ ނުތަނަވަސްކަން އިތުރުވަނީ ޗައިނާއިން ކުރިއަށްގެންދާ ހަރުކަށި އަސްކަރީ ހަރަކާތްތަކުގެ ސަބަބުންނެވެ.



ކިޔުންތެރިންގެ ހިޔާލު