ތިން ރައީސުންގެ ބައްދަލުވުމާއެކު ރައީސް ޑރ. މުޙައްމަދު މުއިއްޒު ބިރުން ތުރުތުރު އަޅަން ފައްޓަވައިފި ކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

ރޭ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެކުގައި ބޭއްވި ތާރީޚީ ބައްދަލުވުމަށް އިޝާރާތް ކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މަލީހް ވިދާޅުވީ "3 ރައީސުންގެ ބައްދަލުވުމާއެކު މުއިއްޒު ބިރުން ތުރުތުރު އަޅަން ފަށައިފި. މައިނޯރިޓީ ސަރުކާރެއް ދެމިނޯންނާނެ" މިހެންނެވެ.

ޤައުމުގެ މިހާރުގެ ސިޔާސީ އަދި އިޖުތިމާޢީ ޙާލަތާމެދު މަޝްވަރާ ކުރެއްވުމަށްފަހު، ތިން ރައީސުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރަށް ވަނީ ހަރުކަށި އިލްތިމާސްތަކެއް ހުށަހަޅުއްވާފައެވެ.

އެ ބޭފުޅުންގެ އެންމެ އިސް ހުށަހެޅުމެއްގެ ގޮތުގައި އޮތީ، 'އަދަދު' ނޫހުގެ ހައްޔަރުކޮށްފައިވާ ދެ ނޫސްވެރިން ވަގުތުން މިނިވަންކުރުމަށާއި، ދައުވާ އުފުލާފައިވާ އިތުރު ދެ ނޫސްވެރިއެއްގެ ޝަރީޢަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށެވެ.

މި އިޞްލާޙީ ހަރަކާތަކީ ވަކި މުއްދަތަކަށް ހިންގާ މަސައްކަތެއް ނޫންކަން ހާމަކުރައްވަމުން، ތިން ރައީސުން ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ އަޑުއަހައި، ކަންކަން އިޞްލާޙު ކުރަންދެން މި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު