އެމެރިކާގެ އިސްނެގުމާއެކު ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ތާއީދުކުރާ ގައުމުތަކުން، ސަރަހައްދުގައި ހިންގާ "އުދުވާނީ" އަމަލުތަކުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް ބުނެ އީރާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ.

އދ. އަށް ކަނޑައަޅާފައި ހުންނަ އީރާނުގެ ދާއިމީ މިޝަނުން ހުކުރު ދުވަހު ބުނެފައިވަނީ، އެމެރިކާއިން މަސައްކަތް ކުރަނީ އީރާނާ ދެކޮޅަށް ހިންގާ ޣައިރު ގާނޫނީ އަމަލުތަކަށް ބައިނަލްއަގުވާމީ ތާއީދު އޮތްކަން ދެއްކުމަށްޓަކައި، ސިޔާސީ މަގްސަދެއްގައި އެކުލަވާލާފައިވާ އެއްފަރާތަކަށް ޖެހިފައިވާ ގަރާރެއް ބޭނުންކޮށްގެން ދޮގު ތަަސައްވުރެއް އުފެއްދުމަށް ކަމަށެވެ. މީގެ އިތުރުން، މިއީ އެ ސަރަހައްދުގައި އަސްކަރީ ގޮތުން އިތުރު ނުރައްކާތެރި ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިކުރުމަށް އެމެރިކާއިން ކުރާ ކަމެއްގެ ގޮތުގައި އީރާނުން ސިފަކޮށްފައިވެއެވެ.

މި ގަރާރަކީ ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުފަތުރުކުރުމުގެ މިނިވަންކަން ދެމެހެއްޓުމުގެ ނަމުގައި އެމެރިކާގެ އިތުރުން ބަހްރޭން، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ކުވެއިތު އަދި ގަތަރު ގުޅިގެން ހުށަހަޅާފައިވާ ގަރާރެކެވެ.

އީރާނުގެ މިޝަނުން އެކްސް މެދުވެރިކޮށް ދިން ބަޔާނުގައި ބުނެފައިވަނީ، އެމެރިކާއިން ސަރަހައްދުގެ މަސްލަހަތު އިތުރަށް ގޯސްކޮށްފިނަމަ، މި ގަރާރަށް ތާއީދުކުރާ ހުރިހާ ގައުމުތަކަކުން ވޮޝިންގޓަނާއެކު އޭގެ ބައިނަލްއަގުވާމީ ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ. އަދި އެއްވެސް ސިޔާސީ އުޒުރެއް ނުވަތަ ޑިޕްލޮމެޓިކް ހުއްޖަތަކުން، އެމެރިކާގެ އުދުވާނަށް މަގުފަހިކޮށްދީ، އެކަމަށް ގާނޫނީ ސިފަ ޖެއްސުމުގެ ޒިންމާއިން އެ ގައުމުތައް ބަރީއަ ނުކުރެވޭނެ ކަމަށްވެސް އީރާނުން ބުނެފައިވެއެވެ.

މި ސަރަހައްދުގެ މަސްލަހަތު ގޯސްވެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އޭގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލަށާއި ގަލްފުގެ ބައެއް ގައުމުތަކުގައި ތިބި އެމެރިކާގެ ބައިވެރިންނަށް ހަމަލާދީ، އިސްތިރާތީޖީ ގޮތުން މުހިންމު ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.

ޕާކިސްތާނުގެ މެދުވެރިވުމާއެކު އޭޕްރިލް 8 ވަނަ ދުވަހުން ފެށިގެން ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އަމަލީގޮތުން ހިނގަމުން ދިޔަ ނަމަވެސް، އިސްލާމްއާބާދުގައި ބޭއްވި މަޝްވަރާތަކުން ދާއިމީ ހައްލެއް ފެނިފައެއް ނުވެއެވެ. އޭގެ ފަހުން، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ހަމަލާބަދަލުކުރުން ހުއްޓާލާފައި އޮތް އޮތުން މުއްދަތެއް ނެތް ގޮތަށް އިތުރުކުރައްވާފައެވެ. ނަމަވެސް، އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އަދި އެތަންތަނުން ފުރާ އުޅަނދުފަހަރު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން ހުއްޓުވުމަށް އެމެރިކާއިން އަޅާފައިވާ ހުރަސްތައް އަދިވެސް ދަނީ ދަމަހައްޓަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު