ޒަބީ އެލޮންސޯ
ޒަބީ އެލޮންސޯ
އިނގިރޭސި ޕްރިމިއާ ލީގުގެ މަޝްހޫރު ކްލަބު، ޗެލްސީގެ އާ މެނޭޖަރުގެ މަގާމަށް ސްޕެއިންގެ ޒަބީ އެލޮންސޯ ހަމަޖައްސާފައިވާކަން އެ ކްލަބުން މިއަދު އިއުލާންކޮށްފިއެވެ. އެލޮންސޯ ޗެލްސީއާއެކު ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ.

ޗެލްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެލޮންސޯ އެ ކްލަބާ ރަސްމީކޮށް ހަވާލުވާނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. މިކަމާ ގުޅިގެން އެލޮންސޯ ބުނީ، ޗެލްސީ ފަދަ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު އެއް ކްލަބުގެ މެނޭޖަރުކަމާ ހަވާލުވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

"ކްލަބުގެ އޯނާޝިޕް ގްރޫޕާއި ސްޕޯޓިންގ ލީޑަރޝިޕާއެކު ކުރެވުނު މަޝްވަރާތަކުން އެނގިގެންދިޔައީ އަޅުގަނޑުމެންގެ އަމާޒުތައް ހުރީ އެއްގޮތަކަށްކަން. އަޅުގަނޑުމެން ބޭނުންވަނީ އެންމެ މަތީ ފެންވަރުގައި ވާދަކޮށް، ތަށިތަކަށް ހަނގުރާމަކުރާނެ ޓީމެއް ބިނާކުރަން." އާދީއްތަ ދުވަހު ދިން ބަޔާނުގައި އެލޮންސޯ ބުނެފައިވެއެވެ.

މިއީ ޗެލްސީގެ 'ބްލޫކޯ' އޯނާޝިޕްގެ ދަށުން އެ ކްލަބަށް އައްޔަންކުރި ފަސްވަނަ ދާއިމީ މެނޭޖަރެވެ. މީގެ ކުރިން ގްރަހަމް ޕޮޓާ، މައުރީސިއޯ ޕޮޗެޓީނޯ، އެންޒޯ މަރެސްކާ އަދި ލިއަމް ރޮސެނިއޯ ވަނީ މި މަގާމު އަދާކޮށްފައެވެ. މި ނިންމުމާއެކު އެލޮންސޯ މިވަނީ އަލުން އިނގިރޭސި ފުޓްބޯޅައަށް އެނބުރި އައިސްފައެވެ. އޭނާ ވަނީ މީގެ ކުރިން ކުޅުންތެރިއެއްގެ ގޮތުގައި ލިވަޕޫލަށް 210 މެޗު ކުޅެދީފައެވެ.



އެލޮންސޯގެ ކޯޗިން ކެރިއަރަށް ބަލާއިރު، އޭނާ އެންމެ ބޮޑު މަގުބޫލުކަމެއް ހޯދީ ޖަރުމަނުގެ ބަޔާ ލެވަކޫސަންގައެވެ. އެގޮތުން 2023-2024 ސީޒަނުގައި އެ ކްލަބަށް އެއްވެސް މެޗަކުން ބަލިނުވެ ބުންޑެސްލީގާ ކާމިޔާބުކޮށްދީ، ޖަރުމަނު ކަޕްގެ އިތުރުން ޔޫރޮޕާ ލީގުގެ ފައިނަލަށް އެ ޓީމު ގެންގޮސްދިނެވެ. ނަމަވެސް އޭގެ ފަހުން ރެއާލް މެޑްރިޑާ ހަވާލުވެ، ކުޅުންތެރިންނާ ޖެހުނު މައްސަލަތަކެއްގެ ސަބަބުން އަށް މަސް ނުވަނީސް އޭނާ ވަނީ މިދިޔަ ޖެނުއަރީ މަހު އެ މަގާމުން ވަކިކޮށްފައެވެ.

ޗެލްސީއަށް މި ސީޒަނަކީ ގޮންޖެހުން ބޮޑު ސީޒަނެކެވެ. ލީގު ތާވަލުގެ ނުވަވަނައިގައި އެ ޓީމު އޮތްއިރު، އިއްޔެ ކުޅުނު އެފްއޭ ކަޕް ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން ބަލިވުމާ ގުޅިގެން ޔޫރަޕުގެ މުބާރާތްތަކަށް ކޮލިފައިވުމުގެ އުންމީދު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. ބްލޫކޯ އިން 2022 ވަނަ އަހަރު ކްލަބާ ހަވާލުވި ފަހުން ކުޅުންތެރިން ގަތުމަށް 1.8 ބިލިއަން ޕައުންޑް ހޭދަކޮށްފައިވީ ނަމަވެސް، އެދެވޭ ކުރިއެރުމެއް ފެނިފައިނުވާތީ ސަޕޯޓަރުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

މި ސީޒަން ނިމެންދެން ޗެލްސީގެ ކެއަރޓޭކަރ މެނޭޖަރުގެ ގޮތުގައި ހުންނާނީ ކެލަމް މެކްފާލޭންއެވެ. އަންގާރަ ދުވަހު ޕްރިމިއާ ލީގުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް ޓީމަށް އިރުޝާދުދޭނީ އޭނާއެވެ. އެލޮންސޯގެ މައިގަނޑު އަމާޒަކަށް ވާނީ ޗެލްސީގައި ރަނގަޅު ސަގާފަތެއް ގާއިމުކޮށް، އަލުން އެ ކްލަބަކީ ތަށިތަކަށް ވާދަކުރާނެ ޓީމަކަށް ހެދުމެވެ.



ކިޔުންތެރިންގެ ހިޔާލު