ގެއްލުނު އިޓަލީ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް ނިޔާވި ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މަހުދީ ނިޔާވީ ވ. އަތޮޅު ކަނޑުއަޑީގެ ހޮހޮޅައެއްގެ ތެރޭގައި ކުރިއަށްދިޔަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ތެރެއިން ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މި މަހުގެ 16 ވަނަ ދުވަހުއެވެ. ފުލުހުން ރޭ ބުނީ މި ހާދިސާ ހިނގަން މެދުވެރިވި ގޮތް މިހާރު ބަލަމުންދާ ކަމަށެވެ.

މަހުދީއަކީ މި އޮޕަރޭޝަންގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި، ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ޑައިވަރެވެ. ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައިވެސް، އޮޕަރޭޝަންގެ ބްރީފިން އެރުވުމުގައި މަހުދީ ވަނީ ބައިވެރިވެފައެވެ.

އެމްއެންޑީއެފާއި ފުލުހުން އަދި އިޓަލީގެ ތަޖުރިބާކާރުން ގުޅިގެން ކުރިއަށް ގެންދިޔަ ނުރައްކާތެރި އޮޕަރޭޝަނުގައި ގެއްލުނު ފަސް ފަތުރުވެރިންގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ. މި ހާދިސާއާ ގުޅިގެން އިޓަލީ ސަރުކާރުން ވެސް ދަނީ ތަހުގީގެއް ހިންގަމުންނެވެ.

މަހުދީގެ ވަކިވުމުގެ ހިތާމައިގައި ސިފައިންގެ ދިދަ 48 ގަޑިއިރަށް ބައިދަނޑިއަށް ތިރިކޮށްފައިވާއިރު، އޭނާއަކީ 2005 ވަނަ އަހަރުން ފެށިގެން ސިފައިންގެ ހިދުމަތުގައި ހުރި ގައުމީ ބަތަލެކެވެ.



ކިޔުންތެރިންގެ ހިޔާލު