2028 ގެ ރިޔާސީ އިންތިހާބު
2028 ގެ ރިޔާސީ އިންތިހާބު
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ބޮޑު ނުފޫޒެއް ފޯރުވަމުންދާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މިހާރު ގާތްވަމުންދަނީ އާދަޔާ ހިލާފު މުހިންމު ސިޔާސީ ހުރަސްގަނޑަކަށެވެ.

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ޕާޓީގެ މުސްތަގުބަލާއި، ދިވެހި ސިޔާސީ މަސްރަހުގައި އެ ޕާޓީގެ ދައުރު ކަނޑައަޅާނެ އެންމެ ބޮޑު އިމްތިހާނެވެ. ސިޔާސީ ދިރާސާކުރާ ފަރާތްތަކުން އެއްބަސްވާ ގޮތުގައި، މި އިންތިޚާބުގައި އެމްޑީޕީން ނުކުންނަން ޖެހޭނީ މުޅިން އައު، ތާޒާ އަދި ހުރިހާ ފެކްޝަންތަކަކަށް ގަބޫލުކުރެވޭނެ ފަދަ ކެންޑިޑޭޓަކާއެކީގައެވެ.

ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް، ކުރިއަށް އޮތް ރޭހަށް ތައްޔާރުވުމަށްޓަކައި އެންމެ ފުރަތަމަ ކޮންމެހެން ކުރަންޖެހޭ ކަމަކީ ޕާޓީގެ އެތެރޭގެ މަސްލަހަތު އެއްކޮޅަކަށް އަނބުރާލުމެވެ.

އެމްޑީޕީގެ ތާރީޚަށް ބަލާއިރު، ޕާޓީގެ އެންމެ ވަރުގަދަ ދެ ތަނބު ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާ ދެމެދު އުފެދުނު ސިޔާސީ ހިޔާލުތަފާތުވުންތަކާއި، ޕާޓީގެ އެތެރޭގެ ކޯޅުންތަކަކީ މާޒީގައި ޕާޓީއަށް ލިބުނު އެންމެ ބޮޑު ހީނަރުކަމެވެ.

މި ހިޔާލުތަފާތުވުންތަކުގެ ސަބަބުން ޕާޓީ ބައިބައިވެ، އާންމު މެންބަރުންގެ މެދުގައި މާޔޫސްކަން އުފެދި، އޭގެ ނޭދެވޭ އަސަރު މުޅި ޕާޓީގެ ސިޔާސީ ބާރަށް ވަނީ ކޮށްފައެވެ. ސިޔާސީ މާހިރުން ހާމަކުރާ ގޮތުގައި، މި ދެ ފެކްޝަނުގެ މެދުގައި އޮތް ނުތަނަވަސްކަން ހައްލުނުކޮށް، އަދި މި މާހައުލުގެ ތެރެއިން އުފެދޭ ކޯލިޝަނެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން 2028 ގެ އިންތިޚާބަށް ނުކުމެގެން އެމްޑީޕީއަށް ކާމިޔާބީއެއް ހޯދުމަކީ ނާދިރު ކަމެކެވެ. ރައްޔިތުންގެ އިތުބާރު އަލުން ހޯދޭނީ މާޒީގެ މި ހުޅުގަނޑުން ސަލާމަތްވެގެންނެވެ.

މި ބޮޑު ގޮންޖެހުމުން އަރައިގަތުމަށްޓަކައި އެމްޑީޕީގެ ކުރިއަށް އޮތް ޗެއާޕާސަން އިންތިޚާބަކީ އެންމެ މުހިންމު ފިޔަވަޅެވެ. މި މަގާމަށް އިންތިޚާބުވާންޖެހޭ ފަރާތަކީ ހަމައެކަނި އިދާރީ ހިންގުންތެރިއެއް ނޫނެވެ. އެއީ ޕާޓީގެ އެތެރޭގެ ސުލްހަމަސަލަސްކަން ގާއިމުކޮށް، އެކި ދިމާލަށް ބައިބައިވެފައިވާ ހިޔާލުތައް އެއްތަނަކަށް ޖަމާކޮށް، ހުރިހާ ފެކްޝަންތަކެއް އެއްގަލަކަށް އަރުވައި، އެއްބައިވަންތަކަމާއެކު އެކަތިގަނޑަކަށް ހެދުމުގެ ގާބިލުކަން ހުރި ސަޚްސިއްޔަތަކަށް ވާންޖެހެއެވެ.

2028 ވަނަ އަހަރުގެ ރިޔާސީ ރޭހަށް އެމްޑީޕީން ވަރުގަދަ ބާރެއްގެ ގޮތުގައި ނުކުންނަން ބޭނުންވާނަމަ، ވަކިވަކި ލީޑަރުންގެ ފަހަތުން ދިއުމުގެ ބަދަލުގައި، ޕާޓީގެ އަސާސްތަކުގެ މަތީގައި އެންމެން އެއްގަލަކަށް އަރުވައި، އެންމެން ގޮވައިގެން ކުރިއަށްދެވޭނެ އާ ލީޑަރެއް ޗެއާޕާސަންގެ މަގާމަށް އިންތިޚާބުވުން މަޖުބޫރެވެ.

އެމްޑީޕީގެ ކުރިމަގު އޮތީ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކޮށް، ޒުވާން އަދި އައު ލީޑަރޝިޕަކަށް ފުރުސަތު ދީގެންނެވެ. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާއަށް އެމްޑީޕީން މިސްރާބު ޖަހާއިރު، އެންމެ ބޮޑު ބާރަކީ ޕާޓީގެ އެއްބައިވަންތަކަމެވެ.

ޗެއާޕާސަންގެ އިންތިޚާބުން ހޮވޭ ވަރުގަދަ ލީޑަރެއްގެ އިރުޝާދުގެ ދަށުން، މާޒީގެ ހީނަރުކަމުން ފިލާވަޅު ލިބިގަނެ، އެކަތިގަނޑަކަށް ވެގެން ނުކުމެެއްޖެ ނަމަ، އެމްޑީޕީއަށް އަލުން އަނބުރާ ވެރިކަމުގެ ހުންގާނާ ހަވާލުވުމުގެ ފުރުސަތު ބޮޑެވެ.



ކިޔުންތެރިންގެ ހިޔާލު