ރާއްޖޭގައި ފުޅާވަމުން އަންނަ ގެސްޓްހައުސް ވިޔަފާރީގެ ދާއިރާއިން ދިވެހިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދީ، އެ ވިޔަފާރިތައް ހިންގުމުގައި ލުއިފަސޭހަގޮތްތަކެއް ހޯދައިދިނުމަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރަންޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ގެސްޓްހައުސް ވިޔަފާރީގައި އެންމެ ބޮޑަށް ކުރިއަރާފައިވާ މާލެ އަތޮޅު މާފުއްޓަށް ކުރެއްވި ޒިޔާރަތަށްފަހު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ނާއިބް ރައީސް ފައިސަލް ވިދާޅުވީ، އެތައް ސަތޭކަ ކޮޓަރިއަކާއެކު މާފުށި މިއަދު ބަދަލުވަމުންދަނީ އިގްތިސާދީ ގޮތުން ނުހަނު ވަރުގަދަ ރަށަކަށް ކަމަށެވެ. އަދި އެ ރަށުގެ ފަތުރުވެރިކަމުގެ ވިޔަފާރިން ދައުލަތަށް ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ޓެކްސްގެ ގޮތުގައި ލިބެމުންދާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

​"މާފުއްޓަކީ، ގެސްޓް ހައުސްގެ ވިޔަފާރި އިން ރާއްޖޭގެ ރަށް ތަކަށް އިޤުތިސާދީ ކުރި އެރުންތައް ގެނެވޭނެ ކަމުގެ ޔަޤީންކަން ހާމަކޮށްދިން ރަށެއް،" ފައިސަލް ވިދާޅުވިއެވެ.

​ލޯކަލް ޓޫރިޒަމްގެ ސަބަބުން ރަށްރަށުގެ އާންމު ފަރުދުންނަށާއި މުޅި މުޖުތަމައަށް ލިބޭ މާލީ މަންފާ ބޮޑުކަން ފާހަގަކުރައްވަމުން، ކުރީގެ ނައިބު ރައީސް ވަނީ މި ވިޔަފާރީގައި ދިވެހިން އިތުރަށް ކުރިއަރައިދިއުމަށް މަގުފަހިކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އާންމު ރައްޔިތުންނަށް ފުރުސަތުތައް ފަހިކޮށްދީ، ވިޔަފާރިތައް ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރެވޭނެ ފަދަ ސިޔާސަތުތަކެއް ސަރުކާރުން އެކުލަވައިލަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

​ރާއްޖޭގެ ރަށްތަކުގައި ކުދި އަދި މެދުފަންތީގެ ގެސްޓްހައުސްތައް އިތުރުވެ، މިއަދު މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް ތަނބަށް ވަނީ ވެފައެވެ.



ކިޔުންތެރިންގެ ހިޔާލު