ރައީސް ނަޝީދު ކެމްޕޭންގައި-
ރައީސް ނަޝީދު ކެމްޕޭންގައި-
އެންމެ ލޯބިވާ ޕާޓީއަކީ އެމްޑީޕީ ކަމަށާއި ކޮންމެ ގޮތަކަށް މި އިންތިހާބު ދިޔަޔަސް އެމްޑީޕީއާއި ދުރަށް ނުދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕެއިނަށް ފ. ބިލެއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގެ ތެރެއިން އެމްޑީޕީގެ މެމްބަރަކު ވަނީ، ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިނުގެންފިނަމަ ޕާޓީ ދޫކޮށް ދާނެތޯ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޗެއާޕާސަން އިންތިހާބުން މޮޅުވާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ. ނަމަވެސް ބަލިވެއްޖެނަމަ މަޑުމަޑުން ގޭގައި ހުންނަވާނީ ކަމަށާއި، ކޮންމެ ގޮތަކަށް އިންތިހާބު ދިޔަޔަސް ޕާޓީއާއި ދުރަކަށް ނުދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަމައެހެންމެ އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީ އާއި ދުރަށްދާން އެންމެ ބޮޑަށް ދެރަވާނީ އެމަނިކުފާނު ކަމަށާއި، އެމަނިކުފާނުގެ މުޅި ހަޔާތް ދިޔައީ އެޕާޓީ އުފެއްދުމަށް ކުރެއްވި މަސައްކަތުގައި ކަމަށެވެ.

"އަޅުގަނޑަށް މި ޕާޓީ ހަދަން އުޅުމުގެ ތެރޭގައި ލިބުނުހާ އަނިޔާއާއި ގެއްލުން، އަޅުގަނޑު ހިތުން އެތައް ބަޔަކަށް އަނިޔާއާއި ގެއްލުން ލިބިފަވާނެ. އެހެން ނަމަވެސް އަޅުގަނޑަށް އެކަން ތަހައްމަލު ކުރަން ޖެހުނު މިންވަރު ވަރަށް ބޮޑު." ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ނެރެ އެއްލާނުލާހާ ހިނދަކު ޕާޓީގައި ދެމިހުންނަވާނެ ކަމަށާއި، އެމަނިކުފާނުގެ ހަށިކޮޅު ކަނޑާލިޔަސް އަންނާނީ "ރީނދޫ ލޭ" ކަމަށެވެ.

ޕާޓީގެ ވަރުގަދަކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، މީގެ ކުރިން އެމަނިކުފާނު ޕާޓީ ދޫކޮށްފައި ދިއުމުން ވެސް ޕާޓީ ރޫޅިގެން ގޮސްފައި ނުވާ ކަމަށެވެ. މީގެ ސަބަބަކީ އެމްޑީޕީ އުފައްދާފައި އޮންނަނީ ވަރަށް ވަރުގަދަ އަސާސްތަކެއްގެ މައްޗަށް ކަމަށްވާތީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރިގަދަވެފައިވާއިރު، މި އިންތިޚާބުގައި ރައީސް ނަޝީދާއި ވާދަކުރަށްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ. އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު