ރައީސް ޕެޓްރޯ
ރައީސް ޕެޓްރޯ
ކޮލަމްބިއާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ކާމިޔާބުކޮށް، ދެވަނަ ބުރަށް ޖެހިލައިފިއެވެ.

އިއްޔެ ބޭއްވި މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، އެންމެ ކުރީގައި އުޅުއްވަނީ ތަޖުރިބާކާރު ގާނޫނީ ވަކީލެއް ކަމަށްވާ އަބެލާޑޯ ޑި ލާ އެސްޕްރިއެލާ އެވެ. އޭނާއަށް 43.7 ޕަސެންޓް ވޯޓު ލިބިފައިވާއިރު، އޭނާއާ ވާދަކުރައްވާ ވާތު ފިޔައިގެ ސެނެޓަރު އީވާން ސެޕޭޑާއަށް ލިބިފައިވަނީ 40.9 ޕަސެންޓް ވޯޓެވެ.

މި އިންތިޚާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ މަތިން ވޯޓު ނުލިބުމުން، ރައީސް ހޮވުމަށްޓަކައި 21 ޖޫން 2026 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެސްޕްރިއެލާ އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ، އަދި ކުށްކުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ މި އިންތިޚާބުގައި "އެލް ޓައިގާ" (ކަށިމާ) ގެ ނަމުން މަޝްހޫރުވެފައެވެ.

އަނެއްކޮޅުން، ސެޕޭޑާ އަކީ މިހާރުގެ ރައީސް ޕެޓްރޯގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ، ގައުމުގައި ހަމަޖެހުން ގާއިމުކުރުމަށް މަޝްވަރާކުރުމުގެ މަގު އިޚްތިޔާރުކުރައްވާ ބޭފުޅެކެވެ.

ނަމަވެސް، އިންތިޚާބުގެ މި ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދައި، ރައީސް ޕެޓްރޯ ވަނީ ވޯޓު ގުނުމުގައި އޮޅުވާލުންތަކެއް ހުރިކަމަށް ތުހުމަތުކުރައްވާފައެވެ.

ކޮލަމްބިއާގެ ރައްޔިތުން މިހާރު ތިބީ މުޅިން ތަފާތު ދެ މިސްރާބަކަށް ގައުމު ގެންދިއުމަށް ތައްޔާރުވެފައިވާ ދެ ކެންޑިޑޭޓުންގެ ތެރެއިން އެކަކު ހޮވުމުގެ އިންތިޒާރުގައެވެ.



ކިޔުންތެރިންގެ ހިޔާލު