ޤާނޫނީ ވަކީލު އަލީ ހުސައިން-
ޤާނޫނީ ވަކީލު އަލީ ހުސައިން-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ގައުމު ހިންގުމުގެ އަމިއްލަ ތަސައްވަރެއް ނެތް ބޭފުޅެއް ކަމަށާއި، މިހާރު ފެންނަމުންދަނީ ސަރުކާރުގެ އޮޑި ފެތެމުންދާ މަންޒަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ރައީސް މުއިއްޒަކީ އަބަދުވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވިޝަންގެ ދަށުން މަސައްކަތް ކުރައްވަމުން އައި ބޭފުޅެއް ކަމަށާއި، އަމިއްލަ ވިޝަނެއް އެމަނިކުފާނުގެ ކިބައިގައި ނެތް

ކަމަށެވެ. އަދި ސިޔާސީ ގޮތުން މީހާ ހޭލުންތެރިވެ ތަސައްރަފް ފުދުމަށް ބޭނުންވާ ރައްޔިތުންގެ މަޖިލީހުގެ ތަޖުރިބާވެސް ރައީސްގެ ކިބައިގައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

މާލެ ސިޓީގެ މޭޔަރުކަމުގައި ރައީސް މުއިއްޒު ހުންނެވި ދުވަސްވަރަށް އިޝާރާތް ކުރައްވައި އަލީ ހުސައިން ވިދާޅުވީ، އެ ދުވަސްވަރު ފެންނަން އޮތީ މުޅިންވެސް ކޮރަޕްޝަންގެ މައްސަލަތައް ކަމަށެވެ. އަދި އެ މައްސަލަތަކުގައި އެމަނިކުފާނުގެ މައްޗަށް ދައުވާކޮށް، ގާނޫނީ ގޮތުން ދޭންޖެހޭ އަދަބު ދީފައި އޮންނަން ޖެހޭނެ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ސަރުކާރުގެ ކެބިނެޓަށް ގެނައި ބަދަލުތަކާއި ޑިފެންސް މިނިސްޓަރު ފަދަ މުހިއްމު މަގާމުތަކުން މީހުން ވަކިކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ސަރުކާރުގެ ސައިޒު ކުޑަކުރާ ވާހަކަ ދެއްކުމަށްފަހު އަމަލުން ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ. "ސަރުކާރުގެ އޮޑި މިހާރު ދަނީ ފެތެމުން. ވަކި ހިސާބަކަށް ދިއުމުން ރިޔަލުގެ ދަށުވެ ސަލާމަތްވާން އުނދަގޫވާނެ،" ގައުމުގެ މިހާރުގެ ހާލަތު ސިފަކުރައްވަމުން އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކަންކަން ހިނގަމުންދާ ގޮތަށް ފާޑުވިދާޅުވަމުން އަލީ ހުސައިން ވިދާޅުވީ، ސަރުކާރުން ދޭ ހާއްސަ މަންފާތައް ލިބެނީ ޕީއެންސީގެ ވަކި މެމްބަރުންތަކަކަށް ކަމަށެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ބަދަލު ގެނެސްފައިވާއިރު، ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު