ކޮންމެ ހާލަތެއްގައިވެސް ދަރިފުޅު ދެކެ ލޯބިވާކަން ދަރިފުޅަށް އިހުސާސްކޮށްދިނުމަކީ ވަރަށް މުޙިއްމު ކަމެއް
ކޮންމެ ހާލަތެއްގައިވެސް ދަރިފުޅު ދެކެ ލޯބިވާކަން ދަރިފުޅަށް އިހުސާސްކޮށްދިނުމަކީ ވަރަށް މުޙިއްމު ކަމެއް
ބެލެނިވެރިންނަށް ފުރާވަރުގެ އަންހެން ކުދިން ތަރުބިއްޔަތު ކުރުމަކީ ބައެއް ފަހަރު ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެކެވެ. ފުރާވަރުގެ އަންހެން ކުދިންނަކީ ވިސްނުން ތޫނު، ހަކަތަ ހުރި އަދި އަމިއްލަ ޚިޔާލުތަކެއް ގެންގުޅޭ ކުދިންނެވެ. މި ދުވަސްވަރަކީ އެކުދިންގެ ހަށިގަނޑަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ބަދަލުތަކެއް އަންނަ، ތަރައްޤީގެ މުހިންމު މަރުހަލާއެކެވެ. އާއިލާއިން ބޭރުން އާ ގުޅުންތަކާއި ޝައުގުވެރިކަން އުފެދި، އަމިއްލަވަންތަކަން ހޯދުމަށް އެކުދިން މަސައްކަތް ކުރެއެވެ. އެހެންކަމުން، އެކުދިންނަށް ކުރިމަތިވާ ކަންތައްތައް ބެލެނިވެރިން ދެނެގަތުމަކީ ނުހަނު މުހިންމު ކަމެކެވެ.

މި ބަދަލުތަކުގެ ސަބަބުން ބައެއް ފަހަރު ބެލެނިވެރިންނާ ދެބަސްވުންތައް އުފެދި، ބެލެނިވެރިން މާޔޫސްވާ ފަދަ އަމަލުތައް އެކުދިންގެ ކިބައިން ފެނިދާނެއެވެ. އެކުދިން ފެންނަ ފެނުމަށް ބޮޑެތި މީހުންނާ އެއްވަރުވީ ނަމަވެސް، އެއީ އަދިވެސް ބެލެނިވެރިންގެ މަގުދެއްކުމާއި ރައްކާތެރިކަމަށް ބޭނުންވާ ކުދިންނެވެ. މިއީ އަންހެން ކުއްޖަކު ބޮޑުވަމުން އަންނަ އިރު ކުރިމަތިވާ ފިޠުރީ މަރުހަލާއެކެވެ. މިފަދަ ކުދިންނާ މުއާމަލާތް ކުރުމުގައި އެންމެ ރަނގަޅު ގޮތަކީ އެކުދިން ދައްކާ ވާހަކަ ރަނގަޅަށް އެހުމާއި، ޝަރުތަކާ ނުލައި ލޯބި ދިނުމާއި، އެކުދިންގެ އަމަލުތަކާ މެދު މާ ބޮޑަށް ޒާތީ ގޮތުން ނުވިސްނުމެވެ.

ބެލެނިވެރިންނާއި ދަރިންނާ ދެމެދު އޮންނަ އިތުބާރު އާލާކޮށް، މުއާމަލާތް ކުރުމުގެ މަގުތައް އަލުން ހުޅުވައިދިނުމަށް މަސައްކަތް ކުރާ އެމެރިކާގެ ނަން މަޝްހޫރު، ނިއުޕޯޓް އެކަޑަމީގެ ތަޖުރިބާކާރު ތެރަޕިސްޓުން ވަނީ މިކަމުގައި އަޅުގަނޑުމެން ބެލެނިވެރިން ސަމާލުކަންދޭން ޖެހޭ މުޙިއްމު ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.



މުހިންމު ބައެއް ނުކުތާތައް:

• ފުރާވަރުގެ ދުވަސްވަރު ސިކުނޑީގެ ގޮތް ނިންމުމާއި ވިސްނުމާ ބެހޭ ބައި އަދިވެސް އަންނަނީ ތަރައްޤީވަމުންނެވެ. އެހެންކަމުން، ކުއްލިއަކަށް އަންނަ އިހުސާސްތަކަށް އެކުދިން ލެނބޭލެއް އަވަސްވާނެއެވެ.

• މި ދުވަސްވަރު މިޒާޖަށް އަންނަ ބަދަލުތައް (Mood swings) ވަރަށް ބޮޑެވެ. އަންހެން ކުދިންގެ ކިބައިން އުފަލާއި ހިތާމައިގެ އިހުސާސްތައް ފިރިހެން ކުދިންނަށްވުރެ ބޮޑަށް ފެންނާނެއެވެ.

• ދަރިފުޅަށް ހައްދުތަކެއް ކަނޑައެޅުމާއި އަމިއްލަ މިނިވަންކަން ދިނުމާ ދެމެދު މެދުމިންގަނޑެއް ހޯދަން ޖެހެއެވެ. އިހުސާސްތަކަށް އަންނަ އޮއިވަރުތަކަކީ މި އުމުރުގެ އާދައިގެ ކަމެއްކަން ދެނެގަންނަން ޖެހެއެވެ.

އަންހެން ކުދިން މައިންބަފައިންނާ މެދު ހަރުކަށިކޮށް އަމަލުކުރަނީ ކީއްވެ؟

މިއީ ބެލެނިވެރިޔާއާ މެދު އޮންނަ ޒާތީ މައްސަލައެއް ނޫންކަން ދެނެގަތުން މުހިންމެވެ. މިއީ އެކުދިންގެ ހަށިގަނޑަށާއި ޖަޒުބާތުތަކަށް އަންނަ ވަރުގަދަ ބަދަލުތަކުގެ ނަތީޖާއެވެ. މިނިވަންކަން ހޯދުމަށް ކުރާ މަސައްކަތުގައި ބައެއް ފަހަރު ބޭ އަދަބީ އަމަލުތައް ފެނިދާނެއެވެ. ނަމަވެސް، ކުއްޖާގެ އަމަލުތައް ކޮންޓްރޯލުން ނެއްޓޭހެން ހީވާނަމަ ނުވަތަ މާ ބޮޑު މައްސަލައެއް އުޅޭހެން ހީވާނަމަ އެހީތެރިކަން ހޯދަން ޖެހެއެވެ.

ބާލިޣުވުމުގެ ސަބަބުން ކުރާ އަސަރުތައް:

ބާލިޣުވުމަކީ އަންހެން ކުއްޖެއްގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަ ކަމެކެވެ. ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ، ހާސްކަމާއި ނުތަނަވަސްކަން އިތުރުވެދާނެއެވެ. ސިކުނޑީގެ 'ޕްރީފްރޮންޓަލް ކޯޓެކްސް' (ގޮތް ނިންމުމަށް އެހީވާ ބައި) ފުރިހަމައަށް ތަރައްޤީވަނީ އުމުރުން 20 އަހަރުގެ މެދުތެރޭގައެވެ. އެހެންކަމުން، މި އުމުރުގައި ޖަޒުބާތުތައް ކޮންޓްރޯލް ކުރުމަކީ އެކުދިންނަށް އުނދަގޫ ކަމެކެވެ.

މިނިވަންކަމަށް ކުރާ މަސައްކަތް:

އަމިއްލަވަންތަކަން ހޯދުމަކީ ފުރާވަރުގެ މުހިންމު ބައެކެވެ. އެކުދިން އަމިއްލަ ޒިންމާ ނަގަން ދަސްކޮށް، އަމިއްލަ އަގުތަކާއި ޚިޔާލުތައް ބިނާކުރެއެވެ. ހެދުން އެޅުމާއި، އަޑުއަހާ ލަވަޔާއި، ރައްޓެހިން އިޚްތިޔާރު ކުރުމުގައި އެކުދިންގެ އަމިއްލަ ގޮތް އިސްކުރެއެވެ. ބެލެނިވެރިންގެ ދައުރަކީ ހައްދުތަކެއް ކަނޑައަޅައިގެން އެކުދިންނަށް މަގުދެއްކުމެވެ. ބައެއް ފަހަރު އެކުދިންނަށް ކަންކަމުގައި ނާކާމިޔާބީއާ ކުރިމަތިލާން ދޫކޮށްލުމަކީ، އަމިއްލަ ނަފްސު ވަރުގަދަކުރުމަށް (resilience) މުހިންމު ކަމެކެވެ.

ސޯޝަލް މީޑިއާގެ ނުފޫޒު:

ސޯޝަލް މީޑިއާގެ ސަބަބުން އަންހެން ކުދިންގެ ހަށިގަނޑާ މެދު ދެކޭގޮތަށް ނޭދެވޭ އަސަރު ކުރެއެވެ. އެހެން މީހުންގެ 'ލައިކް' އާއި 'ކޮމެންޓް' ތަކަށް ބަރޯސާވުމަކީ ނަފްސާނީ ނުތަނަވަސްކަން އިތުރުވާ ކަމެކެވެ. އަދި ސައިބަރ ބުލީންގް ފަދަ ކަންކަމުގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑެތި ގެއްލުންތައް ލިބެއެވެ.

ރައްޓެހިންނާ އޮންނަ ގުޅުން:

މި އުމުރުގައި ރައްޓެހިންނަކީ ވަރަށް މުހިންމު ބައެކެވެ. ބައެއް ފަހަރު އާއިލާއަށްވުރެ ރައްޓެހިންނަށް އިސްކަންދޭހެން ހީވެދާނެއެވެ. މިއީ މި މަރުހަލާގެ އާދައިގެ ކަމެކެވެ. ބެލެނިވެރިންގެ ދައުރަކީ ދަރިފުޅުގެ ރައްޓެހިންނަށް އިހުތިރާމްކޮށް، އެކުދިންނާ އޮންނަ ގުޅުން ބަދަހިކުރުމެވެ.

ދަރިފުޅުގެ މިޒާޖާ ކުރިމަތިލުމަށް ބެލެނިވެރިން ސަމާލުކަންދޭންޖެހޭ މުހިއްމު ކަންތައްތައް:

1. ޒާތީ ގޮތުން ނުނަގާށެވެ: ދަރިފުޅުގެ ބަސްމަގާއި އަމަލުތަކަކީ ބިޮލޮޖިކަލް ބަދަލުތަކުގެ ސަބަބުން އަންނަ ކަންކަމެވެ.

2. އުސޫލުތައް ކަނޑައަޅާށެވެ: ގޭގެ ގަވާއިދުތަކާއި އޭގެ ނަތީޖާތައް ދަރިފުޅާ މަޝްވަރާކޮށްގެން ކަނޑައަޅާށެވެ. ހަރުކަށި އަދަބު ދިނުމަކީ ގުޅުން ހީނަރުވާ ކަމެކެވެ.

3. މުއާމަލާތް ކުރާށެވެ: ދަރިފުޅު ދައްކާ ވާހަކަ ކަނުލައި އަޑުއަހާށެވެ. އެކުއްޖާގެ އިހުސާސްތައް ބަލައިގަންނާށެވެ.

4. ހަމްދަރުދީވެވޭށެވެ: ދަރިފުޅުގެ ހާލަތު ދެނެގަނެ، އޯގާތެރިކަމާއެކު މުއާމަލާތް ކުރާށެވެ.

5. ފާހަގަކުރެވޭ ރަނގަޅު ކަންކަމަށް ސަމާލުކަން ދީށެވެ: ދަރިފުޅުގެ ކިބައިން ފެންނަ ރަނގަޅު ކަންކަން ފާހަގަކޮށް ހިތްވަރު ދޭށެވެ.

6. ނުރައްކާ ނެތް ކަންކަމުގައި އިޚްތިޔާރު ދޭށެވެ: އަމިއްލަ ނަފްސަށް އިތުބާރު ބޮޑުކުރުމަށްޓަކައި، އާ ކަންކަން ތަޖުރިބާކުރުމުގެ ފުރުސަތު ދޭށެވެ.

7. ކުދިކުދި ކަންކަމާ އަޅާނުލާށެވެ: ފެޝަން ނުވަތަ މިއުޒިކް ފަދަ ކުދި ކަންކަމުގައި ދަރިފުޅަށް މިނިވަންކަން ދޭށެވެ.

8. އެއްބަސްވުމަކަށް އާދޭށެވެ: ދަރިފުޅުގެ ޚިޔާލު ހޯދައި، ދެފަރާތުން އެއްބަސްވެވޭ އުސޫލުތަކެއް ގެންގުޅޭށެވެ.

9. ޝަރުތަކާ ނުލައި ލޯބިދޭށެވެ: ކޮންމެ ހާލަތެއްގައިވެސް ދަރިފުޅު ދެކެ ލޯބިވާކަން އިހުސާސްކޮށްދޭށެވެ.

10. އެހީތެރިކަން ހޯދާށެވެ: ކަންކަން ކޮންޓްރޯލުން ނެއްޓޭހެން ހީވާނަމަ، ކައުންސިލަރުންގެ ނުވަތަ ފަންނީ މީހުންގެ އެހީތެރިކަން ހޯދަން ފަސްނުޖެހޭށެވެ.

ޚުލާސާކޮށް ދަންނަވާނަމަ، ފުރާވަރުގެ އަންހެން ކުއްޖަކު ތަރުބިއްޔަތު ކުރުމުގައި ބޭނުންވަނީ ކެތްތެރިކަމާއި އޯގާތެރިކަމެވެ. މި ދުވަސްވަރު ފެންނަ އުނދަގޫ މިޒާޖަކީ ވަގުތީ ކަމެކެވެ. މި ދުވަސްވަރު ބަދަހިކުރާ ގުޅުމަކީ، މުސްތަޤްބަލުގައި އެކުއްޖާއަކީ ހަރުދަނާ އަންހެނަކަށް ވުމަށް އެޅޭ ބިންގަލެވެ.



ކިޔުންތެރިންގެ ހިޔާލު