ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހެއްގައި ހުރުމަތް ކެނޑުމުގެ އަމަލުތަކެއް ހިންގުމާ ގުޅިގެން، އއ. ތޮއްޑޫ، ރަތްވިލާގެ، ޢަލީ އަދުހަމް ނުވަ މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އެ ކޯޓުން ހުކުމްކޮށްފިއެވެ.

ޢަލީ އަދުހަމްގެ މައްޗަށް މި ހުކުމް އިއްވީ އޭނާގެ މައްޗަށް ހިންގުނު ޝަރީއަތުގެ މަޖިލީހުގައި ބޭއަދަބީ ބަހުރުވައިން ވާހަކަދައްކައި، ޝަރީއަތުގެ ނިޒާމަށް ގޮންޖެހުމާ ގުޅިގެންނެވެ. ކޯޓުން މައުލޫމާތު ދޭ ގޮތުގައި، އޭނާގެ އެ އަމަލުތައް ހުއްޓާލުމަށް ފަނޑިޔާރު ތަކުރާރުކޮށް ނަސޭހަތްތެރިވެ ފުރުސަތު ދެއްވި ނަމަވެސް، އޭނާ ވަނީ އެކަމަށް އިންކާރުކޮށް ބޭއަދަބީ އަމަލުތައް ކުރިއަށް ގެންގޮސްފައެވެ. އެހެންކަމުން، މިއީ ޝަރީއަތުގެ މަޖިލީހުގެ އަދަބާއި ގަދަރު ހިފެހެއްޓުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ކޯޓުން ބުނެފައިވެއެވެ.

ގާނޫނީ ގޮތުން ބަލާއިރު، ކޯޓުގެ ހުރުމަތް ކެނޑުމަކީ އަދުލު އިންސާފު ގާއިމުކުރުމުގެ މަރުހަލާއަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ. ކޯޓުގެ ގަދަރާއި ކަރާމާތަށް އުނިކަން އަންނަ ފަދަ އަމަލުތަކުގެ ތެރޭގައި، މަޖިލީހުގެ ތަރުތީބު ގެއްލުވާލުމާއި، ފަނޑިޔާރުންނަށް ނުވަތަ ކޯޓުގެ މުވައްޒަފުންނަށް ބަދުބަސް ބުނުމުގެ އިތުރުން، ކޯޓުން ނެރޭ އަމުރުތަކަށް ގަސްދުގައި ނުކިޔަމަންތެރިވުން ހިމެނެއެވެ. ކޯޓުތަކާ ބެހޭ ގާނޫނުގެ ދަށުން، މިފަދަ ހާލަތްތަކުގައި އިތުރު ދައުވާއަކާ ނުލައި، އެ ވަގުތު މަޖިލީހުގައި އިންނަވާ ފަނޑިޔާރަށް ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު ލިބިދީފައިވެއެވެ.

ޢަލީ އަދުހަމްގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑުމުގެ ހުކުމް އިއްވިއިރު، އޭނާ ކޯޓަށް ހާޒިރުކުރީ މީގެ ކުރިން އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިނާއީ ދެ މައްސަލައެއްގެ ހުކުމް އިއްވުމަށެވެ. އެއީ އަމީނިއްޔާ ސްކޫލް އިމާރާތް ކުރަމުންދިޔަ ސަރަހައްދަށް ހުއްދަނެތި ވަނުމުގެ މައްސަލައަކާއި، އެ ތަނުން 18 ބިޑި ވަގަށް ނެގި މައްސަލައެކެވެ.

އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ މި ދެ މައްސަލައިގައި ވެސް ކޯޓުން ވަނީ އޭނާގެ މައްޗަށް ހުކުމް އިއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު