ވ. ތިނަދޫ ކައުންސިލްގެ ރައީސް ސުޖާއު އަލީ
ވ. ތިނަދޫ ކައުންސިލްގެ ރައީސް ސުޖާއު އަލީ
ލޯކަލް ކައުންސިލްގެ ދައުރު ފެށުނު ފަހުން ސިޔާސީ ޕާޓީ ބަދަލުކުރި ކަމަށް ބުނެ، ވ. ތިނަދޫ ކައުންސިލްގެ ރައީސް ސުޖާއު އަލީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެއްކައިރި ކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

އެލްޖީއޭއިން ތިނަދޫ ކައުންސިލްގެ ނައިބު ރައީސް ސާމިރު އަހުމަދަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން ސުޖާއު އެއްކައިރިކޮށް، ކައުންސިލްގެ އިދާރާއަށް އޭނާ ނުނިކުތުމަށް އެންގުމަށެވެ. އަދި ސުޖާއު މަގާމުން އެއްކިބާކޮށްފައިވާ މުއްދަތުގައި ކައުންސިލްގެ ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރުން ނައިބު ރައީސް ސާމިރާ މިހާރު ވަނީ ހަވާލުކޮށްފައެވެ.

އެލްޖީއޭއިން ބުނީ، 'ދަ ޑިމޮކްރެޓްސް' ގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލްގެ ގޮނޑި ކާމިޔާބުކުރި ސުޖާއު އަލީ، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ދަފްތަރުގައި ހިމެނިފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ މިދައުރަށް އިންތިހާބުވި މެންބަރުން މަގާމުގެ ހުވާކުރި ތާރީޚެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވުމަށްފަހު، އެ ދައުރެއްގެ ތެރޭގައި ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ. މި ގާނޫނުގެ ދަށުން ސުޖާއުގެ ގޮނޑި ގެއްލިއްޖެ ނަމަ، އޭނާ ވެގެންދާނީ ޕާޓީ ބަދަލުކުރުމުގެ ސަބަބުން ގޮނޑި ގެއްލޭ ފުރަތަމަ ކައުންސިލަރަށެވެ.

ޕާޓީ ބަދަލުކުރުމުގެ މައްސަލައިގައި އެމްޑީޕީއާ ގުޅުނު މެންބަރެއްގެ ގޮނޑި ގެއްލުމުގެ ބިރު އޮތްއިރު، އިންތިހާބުވި ފަހުން ބައެއް ކައުންސިލަރުން ސަރުކާރު ހިންގާ ޕީއެންސީއާ ވެސް ގުޅިފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް އެ މެންބަރުން އީސީގެ ރަޖިސްޓްރީގައި ރަސްމީކޮށް ދަފްތަރުވީ ތާރީޚް ސާފުވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު