އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އަބްދުﷲ ޞާދިގު (ސޯބެ)، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މި އިންތިޚާބު، އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ޞާދިގު ކާމިޔާބު ކުރެއްވީ 1،375 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަކުރެއްވި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް، ހިތަދޫ މޫލެކެޑެ ދާއިރާގެ ކުރީގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ) އަށް ލިބިވަޑައިގަތީ 1،313 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ޞާދިގު މެންބަރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ހެނދުނު 08:30 ގައި މަޖިލީސް ކުރާ ގޭގައެވެ. މި ރަސްމިއްޔާތަށްފަހު އޭނާ ރަސްމީކޮށް މަގާމާ ހަވާލުވެވަޑައިގަންނަވާނެއެވެ.

ހޯމަ ދުވަހު ޞާދިގު ހުވާކުރައްވާއިރު، މި ހަފުތާގެ ތެރޭގައި ފެށުމަށް ކުރިން ތާވަލުކުރި މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ވެސް މިހާރު ވަނީ އަންނަ ހޯމަ ދުވަހަށް ފަސްކޮށްފައެވެ. ޞާދިގު ހުވާކުރެއްވުމުން އެމްޑީޕީ ތަމްސީލުކުރައްވާ މެންބަރުންގެ އަދަދު 13 އަށް އިތުރުވާނެއެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގައި މިހާރު ތިއްބަވަނީ 74 މެންބަރުންނެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުކަމުގައި ކުރިން ހުންނެވި މުޙައްމަދު ސިނާން (ސިނާ) ގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެއް ނުދެއްކުމުގެ ސަބަބުން، ސިނާގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ކޯޓުން ހުކުމް ކުރީ މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު