ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލުން
ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލުން
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި، ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލުމާ ގުޅިގެން އެ ރަށުގައި މިއަދު ވޯޓުލުން ކުރިއަށް ނުގެންދިއުމަށް އިންތިހާބީ ކޮމިޓީން ވަނީ ނިންމާފަ އެވެ.

އިންތިހާބީ ކޮމިޓީގެ މެންބަރު އިބްރާހިމް މުއިއްޒު ވިދާޅުވި ގޮތުގައި، ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި މިހާރު ވަނީ ބާތިލުކުރެވިފަ އެވެ. އެ ފޮށްޓަށް ވޯޓުލުމަށް 84 މީހަކު ރަޖިސްޓްރީވެފައިވާއިރު، އެ ރަށުގައި ދެން ވޯޓުލުން އޮންނާނެ ތާރީޚެއް ފަހުން އިއުލާނުކުރެވޭނެ ކަމަށް އޭނާ މައުލޫމާތު ދެއްވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރަސްމީ ފާހެއް ނެތި ވޯޓުލާ މަރުކަޒުގައި މަޑުކުރުމުގެ ފުރުސަތު ނުލިބުމުން، އެކަމާ މެދު ހިތްހަމަނުޖެހިގެން އުޅުނު މީހަކު ވޯޓު ފޮށި ފަޅާލުމާ ގުޅިގެންނެވެ.

މީގެ އިތުރުން، ފ. ފީއަލީގައި ބެހެއްޓި ވޯޓު ފޮށިވެސް މީހަކު ގެންގޮސްފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވެ އެވެ. ނަމަވެސް އެ ފޮށީގެ ވޯޓު ބާތިލުކުރުމާ މެދު ކޮމިޓީން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ހިނގާދިޔަ މި ހާދިސާތަކާ ގުޅިގެން، އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރާފާނެ ކަމުގެ ކަންބޮޑުވުން، މި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް މީކާއީލް އަހުމަދު ނަސީމް ވަނީ ފާޅުކުރައްވާފަ އެވެ. މި އިންތިހާބުގައި މީކާއީލްއާ ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ ހަވަނަ އިންތިހާބުގައި ޖުމްލަ 50،176 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މުޅި ރާއްޖޭގެ އިތުރުން ސްރީލަންކާގައި ބެހެއްޓި ފޮށްޓާއެކު ޖުމްލަ 241 ވޯޓު ފޮށި ވަނީ ގާއިމުކޮށްފަ އެވެ. ވޯޓުލުން މިރޭ 8:30 އާ ހަމައަށް ކުރިއަށްދާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު