ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް (ހުސެންބެ)
ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް (ހުސެންބެ)
ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީގެ މުގައްރިރުގެ މަގާމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް (ހުސެންބެ) އިންތިހާބުކޮށްފިއެވެ.

މި އަހަރަށް ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، ކޮމިޓީގައި ހިމެނޭ މެންބަރުންގެ އިއްތިފާގުން އޭނާ މި މަގާމަށް ހޮވިފައިވަނީ، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހަޅުއްވައި، މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ތާއީދު ކުރެއްވި ހުށަހެޅުމަކާ ގުޅިގެންނެވެ.

​ޖުމްލަ 11 މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގެ މުގައްރިރުގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުގެ ބަދަލުގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ކޮމިޓީއަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ހުސައިން ޝަރީފް ވިދާޅުވީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރުމަށް ކޮމިޓީއަށް ހުށަހެޅިފައިވާ ގެދޮރުވެރިކަމާ ބެހޭ ގާނޫނުގެ މަސައްކަތްތައް ހިމެނޭހެން، ކޮމިޓީގެ ހުރިހާ މަސައްކަތްތަކެއް ހަލުވިކަމާއެކު ކުރިއަށް ގެންދެވުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.

​ގެދޮރުވެރިކަމުގެ ކޮމިޓީއަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ދިރާސާކުރުމާއި، ސަރުކާރުން ހިންގާ އިޖުތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މޮނިޓާކުރުމުގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގެދޮރުވެރިކަމުގެ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތްކުރާ މުހިންމު ކޮމިޓީއެކެވެ.

މި ކޮމިޓީގެ މެންބަރުންގެ ތެރޭގައި ހުސައިން ޝަރީފްގެ އިތުރުން އަހުމަދު ޒަމީރު، އަސްމާ ރަޝީދު، މުހައްމަދު އިސްމާއިލް، މުހައްމަދު ދާއޫދު، ހުސްނީ މުބާރިކް، އަލީ ފަޒާދު، އަބްދުއްލަތީފް މުހައްމަދު، މުހައްމަދު އިބްރާހިމް، އިބްރާހިމް ނާޒިލް އަދި ހުސައިން އިމްރާން ލަތީފް ހިމެނިވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް