ގާނާގެ ޒުވާންތަރި އިރެންކީ ގޯލް ކާމިޔާބު ކުރުމަށްގފަހު އުފާފާޅުކުރަނީ / ފޮޓޯ: ރުއިޓާސް
ގާނާގެ ޒުވާންތަރި އިރެންކީ ގޯލް ކާމިޔާބު ކުރުމަށްގފަހު އުފާފާޅުކުރަނީ / ފޮޓޯ: ރުއިޓާސް
މިހާރު ކުރިއަށްދާ ދުނިޔޭގެ ވާދައިގެ ތަށްޓަށް ކުޅޭ ފީފާ ވޯލްޑްކަޕް 2026 ގައި ގާނާއިން ކުޅުނު ފުރަތަމަ މެޗުގައި، ކޭލެބް އިރެންކީ މެޗުގެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިން ލަނޑާއެކު 1-0 އިން ޕެނަމާ ބަލިކޮށް، ގާނާއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގްރޫޕް 'އެލް' ގެ މި ފޯރިގަދަ ކުރިމަތިލުމުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ބޮޑުބައެއް ނިމިގެންދިޔައީ ދެ ފަރާތުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިފައެވެ. މެޗުގެ ގިނަ ވަގުތު ޕެނަމާގެ ފަރާތުން ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔައިރު، އެޓީމުން ވަނީ ގާނާގެ ޑިފެންސަށް ބާރުބޮޑުކޮށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެހެންނަމަވެސް، ގާނާގެ ކުޅުންތެރިން ވަނީ ހިތްވަރާއެކު ދިފާއީ ކުޅުމެއް ދައްކައި، މެޗުގެ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށްފައެވެ. މެޗުގެ ފަހު ވަގުތުކޮޅަށް އެޅުނުއިރު، 'ބްލެކް ސްޓާރސް' (ގާނާ) އިން ވަނީ މެޗުގެ މެދުތެރެ ކޮންޓްރޯލްކޮށް، ޕެނަމާގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ.

މެޗު އެއްވަރުވެގެން ނިމޭނެ ކަމަށް ބެލެވުނު ނަމަވެސް، އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ގާނާއިން ވަނީ މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ. ގާނާގެ ހަލުވި ހަމަލާއެއްގެ ނަތީޖާއެއްގެ ގޮތުން، އުމުރުން 20 އަހަރުގެ މިޑްފީލްޑަރު ކޭލެބް އިރެންކީ ވަނީ ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އެޓީމަށް މޮޅުކޮށްދީފައެވެ. މި ލަނޑާއެކު ގާނާގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ މެދުގައި ބޮޑު އުފާވެރިކަމެއް ފެތުރިގެންދިޔައެވެ.

މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގައި ޕެނަމާއިން ނަތީޖާ އެއްވަރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް، ގާނާގެ ޑިފެންސްލައިން ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާތައް ހުއްޓުވައި، ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

އިނގިރޭސިވިލާތާއި ކްރޮއޭޝިއާވެސް ހިމެނޭ މި ގްރޫޕުގައި، މި މޮޅާއެކު ގާނާއަށް ވަނީ މުހިންމު ކުރިއެރުމެއް ލިބިފައެވެ. މި މެޗުގައި ގާނާގެ ފަރާތުން އެންމެ ފުރިހަމަ ކުޅުން ނުފެނުނު ކަމުގައިވިޔަސް، އެޓީމުން ދެއްކި ސާބިތުކަމާއި ހިތްވަރުގެ ސަބަބުން ވޯލްޑް ކަޕްގެ މި ދަތުރު އުންމީދީ ފެށުމަކުން ފެށުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު