މިއަހަރުގެ ފިފާ ވޯލްޑް ކަޕާ ދިމާކޮށް ޔޫތު މިނިސްޓްރީން އިންތިޒާމުކުރާ ހާއްސަ "ގޭމިން ކާނިވަލް" ޔޫތު ހަބުގައި ފަށައިފިއެވެ.

މި ކާނިވަލަކީ ފީފާ ވޯލްޑް ކަޕް 2026 އަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ވޮޗް ސީރީޒް" ހަރަކާތްތަކުގެ ތެރެއިން ހިމެނޭ މުހިންމު ބައެކެވެ. މި ހަރަކާތް ކުރިއަށްދާނީ މުބާރާތް ނިމެންދެން ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް ޔޫތު ހަބުގައެވެ.

މި ގޭމިން ކާނިވަލްގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، އެއްވެސް ފީއަކާ ނުލައި ހިލޭ ބައިވެރިވެވޭ ގޮތަށް ތަފާތު ގިނަ ކުޅިވަރުތަކެއް އިންތިޒާމުކޮށްފައިވުމެވެ. މީގެ އިތުރުން، ރާއްޖޭގެ ފުޓްބޯޅައިގެ މަޝްހޫރު ތަރިންނާ ބައްދަލުކޮށްލުމުގެ ފުރުސަތު ވެސް މި ހަރަކާތުގެ ތެރެއިން ޒުވާނުންނަށް ލިބިގެންދާނެއެވެ.

އެއްފަހަރާ 250 މީހުންނަށް ތިބެވޭގޮތަށް ފަރުމާކޮށްފައިވާ ޔޫތު ހަބުގައި ބާއްވާ މި ވޮޗް ޕާޓީއަކީ އާއިލީ މާހައުލެއްގައި ރައްކާތެރިކަމާއެކު މެޗުތައް ބަލާލެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ތަނެކެވެ. މެޗުތައް ބަލާލުމުގެ އިތުރުން، މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ހިލޭ ކާބޯތަކެއްޗާއި ބުއިންތައް ލިބޭނެ ސްޓޯލްތައް ހުންނާނެއެވެ.

މި ކާނިވަލުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ވޯލްޑް ކަޕްގެ ރަސްމީ ފުޓްބޯޅައިގެ އިތުރުން، 'ޔޫތު ބައި ޖިމްނޭޝިއާ'ގެ އެއް މަސްދުވަހުގެ ހިލޭ މެންބަރޝިޕް ހިމެނެއެވެ.

ޔޫތު މިނިސްޓްރީން ހާމަކުރި ގޮތުގައި މިފަދަ ހަރަކާތެއް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ކުޅިވަރުގެ ޒަރީޢާއިން ދިވެހިންގެ މެދުގައި ގައުމީ އެއްބައިވަންތަކަން އާލާކުރުމެވެ. އަދި ޒުވާނުންނަށާއި މުޅި މުޖުތަމައުއަށް ފައިދާހުރި، ހިތްހަމަޖެހޭ އަދި އުފާވެރި މާހައުލެއް ބިނާކޮށްދިނުމަކީ ވެސް މި ހަރަކާތުގެ މުހިންމު އަމާޒެކެވެ.



ކިޔުންތެރިންގެ ހިޔާލު