އެމްޑީޕީން "ވަޒީފާ ބުރާސްފަތި" ގެ ނަމުގައި މިރޭ މުޅި ރާއްޖޭގައި ކުރިއަށްގެންދާ މުޒާހަރާއަކީ ސަރުކާރު ވައްޓާލުމުގެ މަގުސަދުގައި ކުރާ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީއިން ގެެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއީ ހަމަނުޖެހުން ހިންގަން ކުރާ ކަމެއް ނޫންކަން ސަރުކާރާއި ފުލުހުންނަށް ވެސް އެނގެންޖެހޭނެ ކަމަށެވެ. އަދި މި ހަރަކާތަކީ ގާނޫނާ ހިލާފު އެއްވުމެއްގެ ގޮތުގައި ނުބެލުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

"މިއީކީ ރަޔޮޓްސް އެސެމްބްލީއެއްގެ ގޮތުގައި އެއްގޮތަކަށް ވެސް ދެކެވަޑައިނުގަތުން އެއީ އަޅުގަނޑު ފުލުހުންގެ ކިބައިން ވެސް ވަރަށް ބޮޑަށް އެދޭނެ ކަމެއް. އެބޭފުޅުން އަޅުގަނޑުމެންނަށް ކޮށްދެއްވާންވީ ކަމަކީ މި ހިނގާލުން ރީތިކޮށް އިންތިޒާމު ކޮށްދިނުމުގައި އެހީތެރިވެދިނުން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ މުޒާހަރާގެ ތެރެއިން ބޭއަދަބީ އަމަލުތައް ނުހިންގުމަށާއި، ހަމަނުޖެހުމަށް ފުރުސަތު ނުދިނުމަށް ހުރިހާ ފަރާތްތަކަކަށް ގޮވާލައްވާފަ އެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން މަގުމަތީގެ ހަރަކާތްތަކާ މެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރި ނަމަވެސް، މިހާރު އެމްޑީޕީން މަގުތަކަށް ނުކުތުމުން ރައްޔިތުން ތިބެނީ ހިނިތުންވެފަ އެވެ.

މިރޭގެ މުޒާހަރާ ރޭވިފައިވަނީ މާލޭގެ ރަސްފަންނުން ފެށިގެން މަޖީދީ މަގުން ހިނގާފައި ގޮސް އާޓިފިޝަލް ބީޗަށް ނިންމާލާ ގޮތަށެވެ. މި ހަރަކާތުގެ ތެރެއިން ފުލުހުން ޝީލްޑާއި ޕެޕާ ސްޕްރޭ ބޭނުންކުރުމުގެ ބަދަލުގައި، ޓްރެފިކް ބެލެހެއްޓުމުގައި އެހީތެރިކަން ދިނުމަށް ނަޝީދު އެދިވަޑައިގެންނެވި އެވެ.

ސަރުކާރުން މި އެއްވުމަށް ފުރުސަތު ނުދީފި ނަމަ އަމަލުކުރާނެ ގޮތަކާ މެދު ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ، އެއްވެ އުޅުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާ ހައްގެއް ކަމަށެވެ. އެހެންކަމުން ސަރުކާރުން އެ ފުރުސަތު ހަނިކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ފުލުހުންނަށް ވެސް އިލްތިމާސް ކުރަން މިއީކީ ސަރުކާރު ވައްޓާލަން ނިކުންނަނީއެއް ނޫން. މިއީ ސުލްހަވެރި ހިނގާލުމެއް، މުޒާހަރާއެއް، އަޑު އުފުލުމެއް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ހަރަކާތަކީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަށް ބާއްވާ ހަރަކާތެއް ކަމަށާއި، މީގައި އެއްވެސް ބާވަތެއްގެ އަނިޔާވެރިކަމެއް ނުހިމެނޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު