ވަޒީފާ އިން ވަކިކުރާ މީހުންގެ ހައްޤުގަަައި ކުރަންޖެހޭ ކޮންމެކަމެއް ކުރާނެ ކަމަށާއި އެމްޑީޕީން އޮންނާނީ ރައްޔިތުންނާއެކު އެޕާޓީގެ އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހެން ވިދާޅުވީ ސަރުކާރު ކުންފުނިތަކުގައި މަސައްކަތްކުރާ އެމްޑީޕީގެ ސަޕޯޓަރުންނާ މެދު ފިޔަވަޅު އަޅަމުންދާ ކަމަށް ބުނެ، "ވަޒީފާ ބުރާސްފަތި" ނަމުގައި ބޭއްވި އިހުތިޖާޖެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމްޑީޕީއަށް ތާއީދުކުރާ މުވައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދަނީ އެއްވެސް އިންސާފެއް ނެތި ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، އެ މީހުންގެ ހައްގުގައި އަޑުއުފުލުމުގައި ޕާޓީން ދެމިއޮންނާނެ ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރާ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

"ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވަންވީ އެ ބޭފުޅާ އެ އުފައްދަވަމުން ގެންދަވަނީ އިންގިލާބެއްގެ މަސައްކަތް ކަން. ރާއްޖޭގެ ރައްޔިތުން އިންގިލާބަކަށް ނިކުންނާނެ. އެ ރައްޔިތުން، އެ މީހުންގެ ހައްގުގައި އަދާކުރަންޖެހޭ ހުރިހާ ވާޖިބެއް އަދާކުރަމުންދާނެ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީ އުފެދިގެން އައީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކަމަށެވެ. އެގޮތުން ޕާޓީގެ އަސާސީ މަގުސަދަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީގެން އެމީހުންނަށް ތަނަވަސްކަން ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމުގެ އަސާސީ ގަވާއިދުތައް ގާނޫނުއަސާސީން ލިބިދީފައިވާކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ރައްޔިތުންނަށް އެ ހައްގުތައް ލިބުނީ އެތައް ޒަމާނެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމަލުފުޅުތަކުގެ ސަބަބުން ގައުމުގައި އިންގިލާބެއް އުފެދެމުންދާ ކަމަށާއި، މި ހުރިހާ ހާލަތެއްގައިވެސް އިދިކޮޅު އެމްޑީޕީ އަބަދުވެސް ސާބިތުކަމާއެކު އޮންނާނީ ރައްޔިތުންނާ އެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު