ފޮޓޯ: ވިޒިޓް މޯލްޑިވްސް
ފޮޓޯ: ވިޒިޓް މޯލްޑިވްސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން މިއަހަރަށް ކަނޑައެޅި މުހިންމު ލަނޑުދަނޑިއެއް ކަމަށްވާ 1 މިލިއަންވަނަ ފަތުރުވެރިޔާގެ މަޤާމު، ސްޕެއިންގެ ރައްޔިތެއް ކަމަށްވާ އަލްމުދެންޔާ އަރްޓޯނިއޯ އެސްޕާރްސާ މިއަދު ހޯދައިފިއެވެ.

ޤަޠަރު އެއާވޭސްގެ މަތިންދާބޯޓަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް މިއަދު އައި މި ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށްޓަކައި އެއަރޕޯޓުގައި ވަނީ ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ހަފްލާގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ބައިވެރިވެވަޑައިގެން، 1 މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ވިދާޅުވެ ޚާއްސަ ހަދިޔާތަކެއް ވަނީ އަރުވާފައެވެ.

މި މުނާސަބަތު ފާހަގަކުރުމުގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ އިތުރުން، ވިޒިޓް މޯލްޑިވްސް (އެމްއެމްޕީއާރްސީ) އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިސް ދައުރެއް އަދާކުރިއެވެ.

މެދުއިރުމަތީގެ މަސްރަޙަށް އައިސްފައިވާ ބަދަލުތަކާއި، އޭގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ކުރިމަތިވި ގޮންޖެހުންތަކާ ހުރެ، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު 1 މިލިއަން ފަތުރުވެރިންގެ އަމާޒަށް ވާސިލްވެފައިވަނީ ކުޑަދުވަސްކޮޅެއް ލަހުންނެވެ. ނަމަވެސް، 2024 ވަނަ އަހަރާ އަޅާބަލާއިރު މިލަނޑުދަނޑި ވަނީ އަވަހަށް ހާސިލް ކުރެވިފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރު 1 މިލިއަންވަނަ ފަތުރުވެރިޔާ ރާއްޖެ އައީ ޖޫން މަހުގެ 27 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، މިއަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހު މި އަދަދު ހަމަވުމަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާކަމުގެ ހެއްކެއް ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމެވެ. މި އަމާޒަށް ވާސިލްވުމަށްޓަކައި ސަރުކާރުން ދަނީ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް