އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން
އިމިގްރޭޝަންގެ އޮޕަރޭޝަންގެ ތެރެއިން
މާލެ އާއި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން، އިތުރު ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ، ޖޮއިންޓް ޓާސްކް ފޯސްއިން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 49 ބިދޭސީއެއްގެ ލިޔެކިޔުންތައް ޗެކްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިމިގްރޭޝަންގެ ގަވާއިދުތަކާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ކަމަށް ފާހަގަކުރެވުނު ފަސް މީހުންނެވެ.

މި އޮޕަރޭޝަނަކީ ގަވާއިދާ ހިލާފަށް ބިދޭސީންލައްވައި މަސައްކަތް ކުރުވާ ފަރާތްތަކާއި، އެފަދަ ފަރާތްތަކަށް ހިޔާވަހިކަން ފޯރުކޮށްދޭ ކަމަށް ތުހުމަތު ކުރެވޭ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި ހާއްސަ ރޭޑްތަކެކެވެ. މި މަސައްކަތުގެ ތެރެއިން ބިދޭސީންނާ ސުވާލުކޮށް، އެމީހުންގެ ވިސާ އާއި އެހެނިހެން ލިޔެކިޔުންތައް ސައްހަތޯ ބަލައި ފާސްކޮށްފައިވެއެވެ.

ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސިލްސިލާ އޮޕަރޭޝަންތަކެއް މާލެ ސަރަހައްދުގައި ހިންގާފައެވެ. މި އޮޕަރޭޝަންތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

އޭގެއިތުރުން އިމިގްރޭޝަނުން ބުނީ، މިގޮތަށް ބެލުމުގެ ދަށަށް ގެނެވޭ ބިދޭސީން ޑިޓެންޝަން ސެންޓަރުގައި ބޭތިއްބުމަށްފަހު، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށެވެ.

ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފަށާފައިވާ "ކުރަނގި" އޮޕަރޭޝަންގެ ދަށުން މިހާތަނަށް 202،000 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، "އޯޕަން ވިޒާ" ގެ ނަމުގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ އަދަދު ވަނީ އިތުރުވެފައެވެ.

ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކާއެކު، މިހާތަނަށް ގަވާއިދާ ޚިލާފަށް އުޅުނު 9،697 އަށް ވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު