ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް
ބޯހިޔާވަހިކަން ލިބޭ ރަށަކަށް ވަގުތުން ރަށްވެހިކަން ބަދަލުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުގައިވާ ގޮތުން، އެހެން ރަށެއްގެ ރަށްވެހިކަމަށް ބަދަލުވެވޭނީ އެ ރަށެއްގައި މެދުކެނޑުމެއްނެތި ފަސް އަހަރު ދުވަހު ދިރިއުޅުމަށް ފަހުގައެވެ.

ނަމަވެސް، އަލަށް ހުށަހެޅި މި އިސްލާހުގެ ދަށުން އެ ޝަރުތު އުވި، ކަނޑައެޅޭ ވަކި ޝަރުތުތަކެއްގެ މަތިން ވަގުތުން ރަޖިސްޓަރީ ބަދަލުކުރެވޭނެ މަގުފަހިވެގެންދާނެއެވެ.

އެގޮތުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ނުވަތަ އަމިއްލަ ފަރާތަކުން ގަތުމަކުން ކަމުގައިވިޔަސް، އަދި ވާރުތައިން، ހިބައިން ނުވަތަ ކޯޓު އަމުރަކުން ކަމުގައިވިޔަސް، މީހަކަށް އެ ރަށަކުން ދިރިއުޅޭނެ ތަނެއްގެ މިލްކުވެރިކަން ލިބިއްޖެނަމަ، އެ ރަށެއްގެ ރަށްވެހިކަމަށް އެދުމުގެ ފުރުސަތު އެމީހަކަށް ލިބޭނެއެވެ.

މިގޮތަށް ރަށްވެހިކަން ބަދަލުކުރަން އެދޭ ފަރާތްތަކުން އެމީހަކަށް ބޯހިޔާވަހިކަން ލިބިފައިވާކަން އަންގައިދޭ ރަސްމީ ލިޔެކިޔުންތައް ކަމާބެހޭ އިދާރާތަކަށް ހުށަހަޅަންޖެހޭނެއެވެ.

އެ ލިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު، އެމީހެއްގެ ނަން ކުރީގެ ރަށުގެ ދަފުތަރުން އުނިކޮށް، އާ ރަށުގެ ރަށްވެއްސެއްގެ ގޮތުގައި ހަމަޖައްސައިދޭންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، އެއްވެސް ފަރާތަކަށް އެއްފަހަރާ ދެ ރަށެއްގެ ރަށްވެއްސަކަށް ނުވެވޭނެކަން ވެސް މި އިސްލާހުގައި ވަނީ ސާފުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު