ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ވައްކަން ކުރާ ސަރުކާރުތަކަށް ނޫނެކޭ ބުނެ، ހެޔޮ ވެރިކަމެއް ގާއިމްކުރުމުގެ ބޭނުމުގައި 2023 ވަނަ އަހަރު ރައްޔިތުން ވެރިކަމަށް ގެނައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު މިހެން ވިދާޅުވީ، ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ ފަހަތުގައި ވައްކަން އެކުލެވޭ ކަމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ތުހުމަތުކުރެއްވުމާ ގުޅިގެންނެވެ.

އެފަދަ ތުހުމަތުތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ހެޔޮ ވެރިކަމެއް ގާއިމްކުރުމަށް މަޖިލީހުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ.

މީގެ އިތުރުން، 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ "ރަބަރު ސްޓޭމްޕް" މަޖިލީހަކަށް ބަދަލުވަމުންދާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ތުހުމަތުތަކަށް ވެސް ރިޔާސަތުން ވަނީ ރައްދު ދެއްވައިފައެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި މަޖިލިސް ފެއިލްވަމުންދާ ކަމަށް މީކާއީލް ވިދާޅުވި ވާހަކަތަކަށް އަބްދުއްރަހީމް ވަނީ އިންކާރު ކުރައްވާފައެވެ. އަދި 19 ވަނަ މަޖިލީހުގައި ކަން ހިނގި ގޮތް މީކާއީލަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، ރަބަރު ސްޓޭމްޕްގެ ވާހަކަ ދައްކަވަން ބޭނުންފުޅު ނުވާ ކަމަށް ރިޔާސަތުން ވަނީ ބަޔާން ކުރައްވައިފައެވެ.



ކިޔުންތެރިންގެ ހިޔާލު