ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ
ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރީ ރައްޔިތުންގެ ސިއްހަތަށް ރައްކާތެރިކަން ހޯދައިދޭން ނޫން ކަމަށާއި، އެއީ ވަގު ވިޔަފާރީގެ މާކެޓެއް އުފެއްދުމަށް ސަރުކާރުން ހިންގި ޖަރީމާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ތުހުމަތުކުރައްވައިފިއެވެ.

މަޖިލީހުގެ ޖަލްސާގައި، ދުންފަތުން ނަގާ ޑިއުޓީ 50 އިންސައްތަ ކުޑަކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ޣަފޫރު ވިދާޅުވީ، ކޮންމެ ކަމެއް ކުރަންވާނީ ފުރިހަމަ ދިރާސާތަކެއް ކުރުމަށްފަހު ކަމަށެވެ. ނަމަވެސް، މި ސަރުކާރުން ހިތަށް އެރިހާ ގޮތަކަށް އަމަލުކުރުމުގެ ސަބަބުން މިހާރު މިވަނީ "ހިތި ބޭސް ބޯން" ޖެހިފައި ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މެންބަރު ޣަފޫރުގެ ތުހުމަތުތަކުގައި ވިދާޅުވީ، ސިނގިރޭޓުގެ އަގުބޮޑުކުރީ ރައްޔިތުންނަށް ހެޔޮ އެދިގެން ނޫން ކަމަށާއި، އޭގެ ބޭނުމަކީ ގައުމަށް ސިއްރުން މުދާ އެތެރެކުރެވޭނެ ވަގު ވިޔަފާރީގެ ނިޒާމެއް ގާއިމުކުރުން ކަމަށެވެ. އެގޮތުން، 40 ފޫޓުގެ 50 ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް އެތެރެކޮށް، ކަސްޓަމްސްގެ އާމްދަނީން ދެ ބިލިއަން ރުފިޔާގެ ވައްކަމެއް ސަރުކާރުގެ ބައިވެރިވުމާއެކު ހިންގާފައިވާ ކަމަށް އޭނާ ބުންޏެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ހިނގި އެންމެ ބޮޑު ވައްކަން ކަމަށް ޣަފޫރު ވިދާޅުވިއެވެ.

މީގެ އިތުރުން، ދުންފަތުގެ އަގުބޮޑުކުރިއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކާއި، މިހާރު އަގުހެޔޮ ކުރަމުންދާ ގޮތާ ދިމާނުވާކަން ފާހަގަކުރައްވައި، މެންބަރު ޣަފޫރު ވިދާޅުވީ މިއީ ފެންހިފޭ ސިޔާސަތުތަކެއް ގެންގުޅޭ ސަރުކާރެއް ނޫންކަން މިކަމުން ސާބިތުވާ ކަމަށެވެ. އަދި ކަސްޓަމްސް މެދުވެރިކޮށް މިފަދަ ވައްކަމުގެ އަމަލުތައް ހިންގަނީ ސަރުކާރުގެ ބައިވެރިވުމާއެކު ކަމަށް ވިދާޅުވެ، އޭނާ ވަނީ މިކަމާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު