ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއު
ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއު
ދިވެހިރާއްޖޭގައި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ސަރުކާރުން މިހާރު ގެނެސްފައިވާ ބަދަލުތަކަކީ، އިލްމީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް، ދިވެހި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެޅުނު ހަރުދަނާ ފިޔަވަޅުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، 1994 ވަނަ އަހަރުން ފެށިގެން އެކި ސަރުކާރުތަކުން ދުންފަތުގެ ޑިއުޓީއަށް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން 1994 ވަނަ އަހަރު 10-12 ރުފިޔާގެ ރޭޓުގައި ހުރި ސިނގިރޭޓް ފޮއްޓެއްގެ އަގު، 2011 ވަނަ އަހަރާ ހަމައަށް އައިއިރު 38-45 ރުފިޔާއަށް މަތިވެފައިވާކަން އޭނާ ހަނދާންކޮށްދެއްވިއެވެ.

ނަމަވެސް މި ސަރުކާރުން ގެނައި މި ބަދަލަކީ ހަމައެކަނި އަގު ބޮޑުކުރުމެއް ނޫން ކަމަށާއި، މިއީ ދުންފަތުގެ ނުރައްކަލުން މުޖުތަމައު ސަލާމަތްކުރުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ބައެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ވޭޕް މަނާކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ވޭޕްގެ ޒަރިއްޔާއިން މަސްތުވާތަކެތި ބޭނުންކުރުން އިތުރުވެ، ސްކޫލު ދަރިވަރުންގެ މެދުގައި އެކަން އާދައަކަށްވަމުންދާކަމުގެ ކަންބޮޑުވުން ޓީޗަރުންނާއި ބެލެނިވެރިން ފާޅުކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ދުންފަތުން އެއްކޮށް ސަލާމަތްވެފައިވާ މުޖުތަމައެއް ބިނާކުރުމަކީ ސަރުކާރުގެ ސާފު ނިޔަތް ކަމަށާއި، "ޖެނެރޭޝަނަލް ބޭން" ނުވަތަ ވަކި އުމުރަކުން ފެށިގެން ދުންފަތް މަނާކުރުމުގެ ސިޔާސަތު ދަމަހައްޓަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު