ފޮޓޯ: މީސްމީޑިއާ
ފޮޓޯ: މީސްމީޑިއާ
މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމާއި، ކާނާގެ ރައްކާތެރިކަން ކަށަވަރުކޮށް، އީޖާދީ ވަސީލަތްތައް ގާއިމްކުރުމަށް އެހީތެރިވެދޭ "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ވިލުންވެށި ގްރާންޓް ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ މޫސުމީ ބަދަލުތަކަށް ހޭނިފައިވާ އީޖާދީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ހުރި މާލީ ހުރަސްތައް ނައްތާލައި، ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިކުރުމެވެ.

މި ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މާލީ އެހީތެރިކަމާއެކު، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ގްރާންޓް އިފްތިތާހުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ބޭއްވި "އެޑްވާންސިންގ ދަ ނެޝެނަލް އެޑެޕްޓޭޝަން ޕްލޭން އޮފް ދަ މޯލްޑިވްސް" ފޯރަމްގެ ތެރެއިންނެވެ.

"އެންހާންސިންގ ކްލައިމޭޓް ރިސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ ތިން ބަޔަކަށް ބަހާލައިގެން، މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކޮށް ދެމެހެއްޓެނިވި އިގްތިސާދީ ފުރުސަތުތަކެއް ފަހިކުރުމަށް ގައުމީ ފެންވަރުގައި ހިންގާ ހަރަކާތެކެވެ.

މި ގްރާންޓް ސްކީމް ބެހިފައިވާ ތިން ބަޔަކީ ވަކިވަކި ފަރުދުންނަށް ދޫކުރާ ކުދި އެހީއާއި، މުޖުތަމައުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޭ އެހީ އާއި، މުއައްސަސާތަކުން ހިންގާ ނަމޫނާ މަޝްރޫއުތަކަށް ދޭ އެހީއެވެ.

މި ޕްރޮގްރާމްގެ ދަށުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ދަނޑުވެރިކަމާއި ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން، ޑިޖިޓަލް އަދި ތިމާވެއްޓާ ރައްޓެހި އައު އީޖާދުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި އުފެއްދުންތެރިކަން އިތުރުކޮށް، އުފެއްދުންތައް ބާޒާރަށް ނެރުމާއި މާކެޓްކުރުމުގެ އައު ގޮތްތައް ތައާރަފްކުރުމަށްވެސް އެހީތެރިކަން ދިނުމަށް ވަނީ ނިންމާފައެވެ.

ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މިއީ އައު އީޖާދީ ހިޔާލުތައް ހުރި ފަރާތްތަކަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރަށު ފެންވަރުގައި އާމްދަނީ ހޯދުމުގެ ފުރުސަތުތައް އިތުރުކޮށް، މުޖުތަމައުތައް ބާރުވެރިކުރުވުން. މި ގްރާންޓް ލިބޭ ފަރާތްތަކުގެ ހިޔާލުތައް ހަގީގަތަކަށް ބަދަލުކޮށްދީ އާމްދަނީ ހޯދުމަށް ފުރުސަތު ތަނަވަސްކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ބަދުރުއްދީން ވިދާޅުވިއެވެ.

މި އެހީގެ ފުރަތަމަ ބުރު ހުޅުވާލާފައިވަނީ ވަކިވަކި ފަރުދުންނަށް ދޫކުރާ ކުދި އެހީތަކަށެވެ. މި ބުރުގައި ޖުމްލަ 150 ފަރާތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ލިބޭއިރު، އޭގެ ތެރެއިން އެންމެ އެކަށީގެންވާ 50 ފަރާތަކަށް ގްރާންޓް ދޫކުރާނެއެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ބަންދުވާނީ 150 ހުށަހެޅުން ހަމަވުމުން ނުވަތަ ފުރުސަތު ހުޅުވާލާތާ އެއްމަސް ދުވަސް ވުމުންނެވެ.

މި ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު 23 ޖުލައި 2026 އިން ފެށިގެން އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައިވާ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވޭނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު