މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޞާދިޤު (ސޯބެ) އަށް އެމްޑީޕީން އެދުނު އެއްވެސް ކޮމިޓީއަކުން ޖާގަދޭން ނުޖެހޭ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަޙީމް މިއަދު ވިދާޅުވެއްޖެއެވެ.

ސޯބެއަށް މަޖިލީހުގެ ބައެއް ކޮމިޓީތަކުން ޖާގަދީފައި ނުވާތީ އެމްޑީޕީގެ މެންބަރުން މިއަދު ވަނީ ތަޅުމުގައި އިޙްތިޖާޖު ކޮށްފައެވެ. މި އިހުތިޖާޖާ ގުޅިގެން މަޖިލީހުގެ ނިޒާމު ގެއްލުމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު ހިމެނޭހެން ޖުމްލަ 9 މެންބަރެއްގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްފައެވެ.

މި މައްސަލާގައި ކޯފާ އިސްކުރައްވައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ކޮންމެ މެންބަރަކަށް މަދުވެގެން ދެ ކޮމިޓީއަކުން ޖާގަ ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެއީ އެމްޑީޕީން ބޭނުންވާ ވަކި ދެ ކޮމިޓީއަކަށް ވާކަށް ނުޖެހޭނެ ކަމަށާއި، ދެ ކޮމިޓީގެ ޖާގަ އޮންނާނީ ދީފައި ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އެއީ އެމްޑީޕީން ބޭނުންވާ ދެ ކޮމިޓީއަށް ވާކަށް ނުޖެހޭ. ދެ ކޮމިޓީގެ ޖާގަ އޮންނާނީ ދީފައި." އަދުރޭ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވިދާޅުވީ، އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރީ މި މަހުގެ 15 ވަނަ ދުވަހު މެންބަރުކަމުގެ ހުވާކުރެއްވި ސޯބެއަށް އެއްވެސް ކޮމިޓީއަކުން ޖާގަ ދީފައި ނުވާތީ ކަމަށެވެ. އާންމުގޮތެއްގައި މަޖިލީހުގެ މެންބަރުން ކޮމިޓީތަކަށް އައްޔަނު ކުރަނީ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ގޮތަށް އިސްކަން ދީގެންނެވެ.

މިއަދުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން އިހުތިޖާޖު ކުރަން ފެށީ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސް މުޙައްމަދު ނިޒާރަށް ރުހުން ދިނުމާ ގުޅޭ ގޮތުން އެސްއޯއީ ކޮމިޓީން ނިންމި ރިޕޯޓު، އެ ކޮމިޓީގެ މުގައްރިރު އިބްރާހީމްދީދީ އިއްވަވަން ފެއްޓެވި ވަގުތުގައެވެ.

މަޖިލީހުގެ ރައީސް މިއަދު ނަން އިއްވެވި މެންބަރުންނަކީ އިބްރާހީމް ނާޒިލް (ޕީޖީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާ)، މަޢުރޫފް ޛާކިރު (ކެންދޫ ދާއިރާ)، ޙުސައިން ޒިޔާދު (ވައިކަރަދޫ ދާއިރާ)، ޙުސައިން ސަމީރު (ތޮއްޑޫ ދާއިރާ)، ޢަބްދުލްޣަފޫރު މޫސާ (ހަނިމާދޫ ދާއިރާ)، އަޙްމަދުދީދީ (މަރަދޫ ދާއިރާ)، މުޙައްމަދު ނިއުޝާދު (ކެޔޮދޫ ދާއިރާ)، އަމީން ފައިޞަލް (ކަނޑިތީމު ދާއިރާ)، މުޙައްމަދު އިބްރާހީމް (ގަލޮޅު އުތުރު ދާއިރާ) އެވެ.



ކިޔުންތެރިންގެ ހިޔާލު