ޑޮނަލްޑް ޓްރަމްޕް އާއި ޖިއާނީ އިންފަންޓީނޯ
ޑޮނަލްޑް ޓްރަމްޕް އާއި ޖިއާނީ އިންފަންޓީނޯ
2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަން ޓީމަށް މުބާރާތުގެ ރަން ތަށި ހަވާލުކޮށްދެއްވާނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ކަށަވަރުކޮށްދެއްވައިފިއެވެ.

'ފޮކްސް އެންޑް ފްރެންޑްސް' އަށް ދެއްވި ބަސްދީގަތުމެއްގައި އިންފަންޓީނޯ ވިދާޅުވީ، 19 ޖުލައި 2026 ގައި ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި ބާއްވާ ފައިނަލް މެޗުގައި ރައީސް ޓްރަމްޕާއެކު އޭނާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި މުބާރާތުގެ އެންމެ މުހިންމު ވަގުތު ކަމަށްވާ ތަށި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޓްރަމްޕް އިސް ދައުރެއް އަދާކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ފައިނަލް މެޗުގެ ފޯރިގަދަ ވަގުތުތަކުގައި އަޅުގަނޑުމެން ރައީސްއާ އެކު ބައިވެރިވާނަން. އަދި މުބާރާތުން މޮޅުވާ ޓީމަށް ތަށި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ،" އިންފަންޓީނޯ ވިދާޅުވިއެވެ.

މި ނިންމުމަކީ ފީފާގެ ރައީސް އިންފަންޓީނޯ އާއި ރައީސް ޓްރަމްޕާ ދެމެދު އޮތް ގާތް ގުޅުން ހާމަވެގެންދާ ކަމެކެވެ. މީގެ ކުރިން ބޭއްވުނު ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލްގައި ވެސް ޓްރަމްޕް ވަނީ ޗެލްސީއަށް ތަށި ހަވާލުކޮށްދެއްވާފައެވެ. އެ ފަހަރު ތަށި ހަވާލުކުރުމަށްފަހު، ކުޅުންތެރިންނާއެކު ސްޓޭޖުގައި މަޑުކުރެއްވުމުން ބައެއް ކުޅުންތެރިންގެ ހައިރާންކަން އެކަމަށް ހުއްޓުނެވެ.

އެގޮތުން ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސް އާއި ކުޅުންތެރިޔާ ކޯލް ޕާމާ ވަނީ، ތަށި ހަވާލުކުރުމަށްފަހު ރައީސް ޓްރަމްޕް ސްޓޭޖުން ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރެވުނު ނަމަވެސް، މުޅި ރަސްމިއްޔާތު ނިމެންދެން އެމަނިކުފާނު ޓީމާއެކު ސްޓޭޖުގައި މަޑުކުރެއްވިކަން ފާހަގަކޮށްފައެވެ.

އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ތާރީޚުގައި ވެސް އެންމެ ގިނަ ޓީމު (48 ޓީމު) ބައިވެރިވާ، އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތުގެ ފައިނަލް މެޗު ދުނިޔޭގެ އެކި ކަންކޮޅުތަކުން ބިލިއަނަކަށް ވުރެ ގިނަ މީހުން ބަލާނެ ކަމަށް ބެލެވެއެވެ.

އިންފަންޓީނޯ ވަނީ މި މުބާރާތް އިންތިޒާމުކުރުމުގައި އެމެރިކާގެ އިދާރާތަކުން ދެމުންދާ އެއްބާރުލުމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. އަދި މުބާރާތުގެ އެންމެ ފަހު ވަގުތު ތަށި ހަވާލުކުރުމުގެ ތެރެއިން ރައީސް ޓްރަމްޕް ފެނިގެންދިއުމަކީ މި މުބާރާތަށް އިތުރު ފުރިހަމަކަމެއް ގެނުވައިދޭނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު