ފޮޓޯ: ފުލުހުން
ފޮޓޯ: ފުލުހުން
ށ. އަތޮޅުގެ ރަށެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދިވެއްސެއްގެ މައްޗަށް، އޭނާގެ އާއިލާގެ މީހުންގެ ހެކިބަހާއެކު އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

މި މައްސަލާގައި ށ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ މީހެއްގެ މައްޗަށެވެ. ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އޭނާގެ މައްޗަށް އުފުލާފައިވާ ކުށުގެ އުންސުރުތައް ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އެހެންކަމުން، ޤާނޫނުގައިވާ ގޮތުގެ މަތިން 25 އަހަރުގެ ނުވަތަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ވަނީ އިއްވާފައެވެ.

މި މައްސަލައިގެ ތަޙުޤީޤަށް ފުލުހުން އެ ގެ ބަލާފާސްކުރަން ވަދެފައިވަނީ ތުހުމަތުކުރެވޭ މީހާގެ ބައްޕަގެ ފުރިހަމަ އެހީތެރިކަމާއެކުގައެވެ. ދައުލަތުގެ ފަރާތުން ހުށަހެޅި މުހިންމު ހެއްކެއްގެ ގޮތުގައި ބައްޕަ ވަނީ ކޯޓުގައި ހެކިބަސް ދީފައެވެ. ބައްޕަގެ ހެކިބަހުގައި ބުނެފައިވަނީ، ފުލުހުން ބަލާފާސްކުރަން ފެށިއިރު އޭނާ އެތަނުގައި ހުރި ނަމަވެސް، ފަހުން އެ މަންޒަރު ބަލަން ކެތްނުވާނެތީ އެތަނުން ދިޔައީ ކަމަށެވެ. އަދި މަސްތުވާތަކެތި ފެނުނު ކޮޓަރިއަކީ އޭނާގެ ދަރިފުޅު ދިރިއުޅޭ ކޮޓަރިކަން ބައްޕަ ވަނީ ކަށަވަރުކޮށްދީފައެވެ.

ބައްޕަގެ އިތުރުން، މި މައްސަލާގައި ހިމެނޭ މީހާގެ އަންހެން ކޮއްކޮއާއި، ޅިއަނާއި، ފަހަރިވެސް ވަނީ ދައުލަތުގެ ހެކިންގެ ގޮތުގައި ކޯޓުގައި ހެކިބަސް ދީފައެވެ. މި އެންމެންގެ ހެކިބަހުންވެސް އެނގިފައިވާ ގޮތުގައި، އެ ކޮޓަރިއަކީ ސީދާ އޭނާ ބޭނުންކުރާ ތަނެކެވެ.

ފުލުހުން އެ ގެ ބަލާފާސްކުރިއިރު، އޭނާ ދިރިއުޅޭ ކޮޓަރިން ނުވަ ގްރާމްގެ ޑައިމޯފިން ފެނިފައިވެއެވެ. ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ އޭނާއަކީ ޑައިމޯފިން ބޭނުންކުރާ މީހެއް ކަމަށް އިއުތިރާފުވެފައެވެ.

ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން، މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ މުއާމަލާތް ކުރުމުގެ ދައުވާތައްވެސް ދައުލަތުން ވަނީ އޭނާގެ މައްޗަށް އުފުލާފައެވެ. އެ މައްސަލަތައް މިހާރު ހިނގަމުންދަނީ އުލިގަމު މެޖިސްޓްރޭޓް ކޯޓުގައެވެ.



ކިޔުންތެރިންގެ ހިޔާލު