ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދ. ކުޑަހުވަދޫގައި ދެމަފިރިއެއްގެ ކައިވެނި ރޫޅުމުން، ފިރިމީހާގެ ނަމުގައި އޮތް ގޯއްޗެއްގައި އަނބިމީހާގެ ހިއްސާއާއެކު އިމާރާތްކުރި ގެއަށް ކުރި ހޭދައިގެ ބަދަލުގެ ގޮތުގައި ފަސްލައްކައަށްވުރެ ގިނަ ރުފިޔާ އަންހެން މީހާއަށް ދިނުމަށް ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ކުޑަހުވަދޫ ފިރިހެނަކަށް އެ ރަށުން ލިބުނު ގޯއްޗެއްގައި އޭނާގެ އަނބިމީހާ ވެސް ހޭދަކޮށްގެން އިމާރާތްކޮށް، އެ ތަން ދެމަފިރިންގެ ނަމަށް ރަޖިސްޓްރީކުރަން ނިންމާފައި ވަނިކޮށް، ރަޖިސްޓްރީ ނުކުރެވެނީސް ކައިވެނި ރޫޅުމުން ދިމާވި މައްސަލައެކެވެ. އަންހެން މީހާ މި ދައުވާ ކުރީ އެ ގޭގެ މަސައްކަތަށް އޭނާ ކުރި ހޭދައިގެ ގޮތުގައި އަންދާޒާކުރެވޭ 1.2 މިލިއަން ރުފިޔާ ހޯދުމަށެވެ.

ދައުވާގައިވާ ގޮތުން، އަންހެން މީހާ ފުރަތަމަ އެދުނީ ކައިވެންޏަށް ލިބިފައިވާ ދެ ދަރިންނަށް އެ ގެއިން ބައެއް ދިނުމަށެވެ. ނަމަވެސް، ކުރީގެ ފިރިމީހާ އެކަމަށް އިންކާރު ކުރުމުން، އޭނާ ކުރި ހޭދަ ހޯދަން ވަނީ ކޯޓަށް ހުށައަޅާފައެވެ.

މި މައްސަލަ އެންމެ ފުރަތަމަ ބެލި ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓާއި ހައި ކޯޓުން ވެސް ނިންމީ އަންހެން މީހާއާ ދެކޮޅަށެވެ. ނަމަވެސް، ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން، އެ ކޯޓުން ނިންމާފައިވަނީ، ކައިވެނި މަތީގައި ދެމަފިރިން ދިރިއުޅުމަށްޓަކައި އަނބިމީހާ ކޮށްފައިވާ ހަރަދެއް އޮތް ނަމަ، ކައިވެނި ރޫޅުމަށްފަހު ވެސް އެ ފައިސާ ކުރީގެ ފިރިމީހާގެ ކިބައިން ހޯދިދާނެ ކަމަށެވެ.

އެހެންކަމުން ސުޕްރީމް ކޯޓުން ދަށު ކޯޓުތަކުގެ ހުކުމް ބާތިލްކޮށް، އެ އިމާރާތް އަގުކުރުމަށްފަހު އޭގެ ދެބައިކުޅަ އެއްބައި އަންހެން މީހާއަށް ދިނުމަށް ކަނޑައަޅައި، މައްސަލަ އަލުން ބެލުމަށް ކުޑަހުވަދޫ ކޯޓަށް ވަނީ ތަހުވީލު ކޮށްފައެވެ.

އެކަމާގުޅިގެން މައްސަލަ ބެލުމަށްފަހު ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އިމާރާތުގެ ހާލަތަށް ބަލައި އެ ތަނުގެ އަގަކީ އެއް މިލިއަން ރުފިޔާ ކަމަށް ކަނޑައަޅާފައެވެ. އެހެންކަމުން، އެ އަގުގެ ދެބައިކުޅަ އެއްބަޔަށްވާ 541،000 (ފަސްލައްކަ ސާޅީސް އެއްހާސް) ރުފިޔާ، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އަންހެން މީހާއަށް ދެއްކުމަށް އެ ކޯޓުން މިހާރު ވަނީ ކުރީގެ ފިރިމީހާގެ މައްޗަށް ހުކުމް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު