ފައްޔާޒު އިސްމާއިލް
ފައްޔާޒު އިސްމާއިލް
އެމްޑީޕީގެ ޗެއާޕާސަންގެ ކެމްޕޭން ދަތުރެއްގެ ތެރޭގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮލަށް ކުޑަ ނަގައިގެން ފައްޔާޒު އިސްމާއިލް ހުންނެވި ފޮޓޯއަކާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް ފައްޔާޒު ރައްދު ދެއްވައިފިއެވެ.

"ދައުރު" ނޫހުގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އެއީ އޭނާ އިހުތިރާމްކުރާ އުސޫލުތަކާއި ތަރުބިއްޔަތުގެ ބައެއް ކަމަށެވެ.

ފައްޔާޒު ސާފުކޮށްދެއްވި ގޮތުގައި، އެ ދުވަހު ވާރޭ ވެހެން ފެށުމުން ނަޝީދު އަމިއްލަފުޅަށް އެ ކުޑަ އޭނާއާ ހަވާލުކުރެއްވީއެވެ. ރައީސް ނަޝީދު ފަދަ އިސް ބޭފުޅަކު އަތްޕުޅަށް ކުޑަ ދެއްވައިގެން ހުންނަވަނިކޮށް، އެ ކުޑައިގެ ހިޔާ ނުލިބި ހުންނަން ކެރޭނެ މީހަކު ނުހުންނާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިއީ ހަމައެކަނި ރައީސް ނަޝީދަށް ކުރެއްވި ކަމެއް ނޫން ކަމަށާއި، އޭނާއަށްވުރެ ދޮށީ ނުވަތަ މަގާމުގެ ގޮތުން އިސް ކޮންމެ ބޭފުޅަކަށްވެސް އޭނާ އެ ފަދަ އިހުތިރާމެއް އަދާކުރައްވާނެ ކަމަށް ފައްޔާޒު ތަކުރާރުކުރެއްވިއެވެ.

އެގޮތުން، ރައީސް ސޯލިހުގެ އިތުރުން ރައީސް މުއިއްޒު ވަޑައިގަތަސް ހަމަ އެފަދައިން ކުޑަ ދިއްކޮށްލާނެ ކަމަށާއި، އެއީ އޭނާގެ އަދަބު އަހުލާގުގެ ތެރެއިން އައިސްފައިވާ ކަމެއް ކަމުގައި އޭނާ ސިފަކުރެއްވިއެވެ.

ސޯޝަލް މީޑިއާގައި މި ފޮޓޯތަކާ ގުޅިގެން ފައްޔާޒަށް ގިނަ ބަޔަކު ފާޑުކިޔާފައިވީ ނަމަވެސް، އެ ފާޑުކިޔުންތަކަށް އޭނާ ވަނީ ވަރަށް ސާފުކޮށް ރައްދު ދެއްވައި، އެއީ ގޯހެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެ އުސޫލު ބަދަލުނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު