ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން، ވަޒީފާއިން ވަކިވާ މީހުންނަށް ހަތަރު މަހުގެ މުސާރަ ދިނުމަކީ އެ މުވައްޒަފުންނަށް ދެވޭ ނާޖާއިޒު މަންފާއެއް ނޫން ކަމަށާއި، އެއީ ގާނޫނީ އިމުގެ ތެރެއިން ދައުލަތަށް އޮތް ބުރަ ކުޑަކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފެނަކަ އާއި އެޗް.ޑީ.ސީ ފަދަ ކުންފުނިތަކުން ހަތަރު މަހުގެ މުސާރަ ދީފައި މުވައްޒަފުން ވަކިކުރާތީ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ވަޒީފާގެ ގާނޫނު އޮތްގޮތުން ބޭނުންވާއިރަކަށް މީހަކު ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށެވެ. އަދި އެއްވެސް މަސައްކަތެއް ނެތި 12 މަސް ދުވަހު މުސާރަ ދީފައި ބޭތިއްބުމަށްވުރެ، ގާނޫނީ ނިޒާމުގެ ތެރެއިން މުއްދަތެއްގެ މުސާރަ ދީފައި ވަކިކުރުމުން ދައުލަތަށް ލިބޭ ގެއްލުން ކުޑަވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މީހަކު ރިޑަންޑަންޓް ކުރަންޏާ ކުރެވޭނީވެސް ގާނޫނީ ނިޒާމުގެ ތެރެއިން. އެހެންނޫނީ ދާނެ މުއައްސަސާތައްވެސް އެބަހުރި. އެތަނަކުން މައްސަލަ ނިންމާއިރު ބުނާނީ އަލުން ވަޒީފާ އިޔާދަކޮށްދީ، ފަސް އަހަރުގެ މުސާރައާއި ލިބެން އޮތް ހުރިހާ ޕްރޮމޯޝަނެއް ދޭށޭ. މިއީ އަންނަ އުނދަގޫތައް،" މުންދު ވިދާޅުވިއެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ތިންބައިކުޅަ އެއްބަޔަށް މަދުކުރުން ކަމަށެވެ. ހާއްސަކޮށް ފެނަކަ ފަދަ ކުންފުނިތަކަކީ ކުރީ ސަރުކާރުތަކުން އިންތިހާއަށް މުވައްޒަފުން އިތުރުކޮށްފައިވާ ތަންތަން ކަމަށާއި، އޭގެ ސަބަބުން މަސްވެރިކަން ފަދަ އެހެން ސިނާއަތްތަކަށް ބޭނުންވާ ޒުވާން މަސައްކަތްތެރިން މަދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެނަކަ ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތުގެ ދަށުން ބައެއް ރަށްރަށުގެ އިންޖީނުގެތައް ސްޓެލްކޯއާ ހަވާލުކުރަމުންދާކަން ފާހަގަކުރައްވައި މުންދު ވިދާޅުވީ، މި އިސްލާހީ ފިޔަވަޅުތައް ނިމުމުން ކުންފުނިތަކުގެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށެވެ. ނަމަވެސް މިވަގުތު މުވައްޒަފުން މަދުކުރަމުންދާ މަރުހަލާގައި ހުރުމުން، މީގެ ސަބަބުން ސީދާ ސަލާމަތްކުރެވޭނެ ފައިސާގެ އަދަދު އަދި ބުނަން ދަތިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ކުރިއަށްގެންދާ މި މަސައްކަތަކީ ސަރުކާރު ކުންފުނިތައް ހަރުދަނާކޮށް، ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރާ މުހިންމު މަސައްކަތެއްގެ ގޮތުގައި މުންދު ސިފަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު