މާލޭގެ މަގެއްގެ މަތީގައި ގޮދަޑިއެއް ބަހައްޓާފައި
މާލޭގެ މަގެއްގެ މަތީގައި ގޮދަޑިއެއް ބަހައްޓާފައި
މާލޭގެ މަގެއްގެ މަތީގައި ގޮދަޑިއެއް ބަހައްޓާފައި ހުރި މައްސަލައަކާ ގުޅިގެން، އެކަން ކުރި ފަރާތެއް ހޯދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ. މި ގޮދަޑި ބަހައްޓާފައި ހުރީ މއ. ސަހަރާ ކައިރި، އިސްކަންދަރު މަގުގަ އެވެ.

ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި ގޮދަޑި ބަހައްޓާފައި ހުރީ މައްޗަންގޮޅީ ސަހަރާގެ ފާރުގައި ލައްކޮށްފަ އެވެ. މިކަމުގެ ސަބަބުން ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިވާގޮތަށް ޕޭވްމަންޓްގެ ބޮޑު ބައެއް ވަނީ ހިފާފަ އެވެ.

މި މައްސަލައާ ގުޅިގެން ކައުންސިލުން ވަނީ އެކްސްގައި ފޮޓޯތަކެއް ހިއްސާކޮށް، އެ ގޮދަޑި ބެހެއްޓި ފަރާތެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.



މާލޭގެ މަގުތަކަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި، މިފަދަ އަމަލުތައް ހުއްޓުވުމަށް ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މަގުތަކަށް ކުނި އަޅާ މީހުން ފާހަގަވާނަމަ ކައުންސިލްގެ ހޮޓްލައިން ނަންބަރު 1622 އަށް ގުޅައި ރިޕޯޓްކުރުމަށް، ނުވަތަ 9341144 އަށް ފޮޓޯ އާއި ވީޑިއޯ ފޮނުވުމަށް ކައުންސިލުން ވަނީ އާންމުންގެ ކިބައިން އެދިފަ އެވެ.

ގޭތެރޭގައި ބޭނުންކުރާ ބާވެފައި ހުރި ތަކެއްޗާއި، ބޮޑެތި ކޮތަޅުތަކުގައި ކުނި އަޅައި މަގުތަކުގައި ބެހެއްޓުމަކީ މާލޭގައި އާންމުވެފައިވާ ބޮޑު މައްސަލައެކެވެ. ކައުންސިލުން މިފަދަ ތަކެތި ސާފުކޮށްދިން ނަމަވެސް، ކުނި އަޅާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައި ޖޫރިމަނާ ކުރުމުގެ މަސައްކަތް ވެސް ކައުންސިލުން އަންނަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު