އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު
ހައްދުންމަތީގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މާވަށު ދާއިރާގައި އިތުރު އެއަރޕޯޓެއް ގާއިމުކުރުމުގެ މުހިންމުކަމާމެދު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ޝުއޫރު ފާޅުކުރައްވައިފިއެވެ.

މިހާރު ހައްދުންމަތީގައި އޮތް ދެ ރިސޯޓުވެސް މާވަށު ދާއިރާގެ ސަރަހައްދުގައި އޮތްއިރު، ފަތުރުވެރިން ކައްދޫ އެއަރޕޯޓުން ފުރައިގެން ގާދޫ ކަނޑު ހުރަސްކޮށް ކުރަންޖެހޭ ދަތުރުތަކަކީ މިހާރު ވަރަށް ބޮޑު ތަކުލީފަކަށްވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.





މާވަށު، ހިތަދޫ، ކުނަހަންދޫ އަދި މާމެންދޫގެ ރައްޔިތުންވެސް އެދެމުން އަންނަނީ މާވަށު ދާއިރާގައި އިތުރު އެއަރޕޯޓެއް ގާއިމުކޮށް، ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ލިބުމަށެވެ.

ހިތަދޫން ފެށިގެން މާވަށާ ހަމައަށް ފަތުރުވެރިކަމަށް ބޭނުންކުރެވޭނެ އެތައް ފަޅުރަށްތަކެއް އޮތްކަން ފާހަގަކުރައްވައި މޫސަ ވިދާޅުވީ، ސަރުކާރުން ފަތުރުވެރިކަން ފުޅާކުރަން ވިސްނާނަމަ ދަތުރުފަތުރުގެ ފަސޭހަ އަދި އަގުހެޔޮ ގޮތްތަކެއް ހޯދައިދިނުމަކީ ބުއްދިވެރިކަމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ނުވާނަމަ، ފަތުރުވެރިކަން މަނާކޮށް، އެ ސަރަހައްދުގެ ފައިދާކުރަނިވި ގޮތަކަށް މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ފުރުސަތު ދިނުން މާ ބުއްދިވެރިކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު