ކޮންގޯ ޓީމް އިން އުފާ ފާޅު ކުރަނީ
ކޮންގޯ ޓީމް އިން އުފާ ފާޅު ކުރަނީ
އުޒްބެކިސްތާން އަތުން ފަހަތުން އަރައި ހޯދި މޮޅާއެކު ޑީއާރު ކޮންގޯއިން ވޯލްޑް ކަޕްގެ ގަދަ 32 އަށް ދަތުރުކޮށް ތާރީހީ ކާމިޔާބީއެއް ހޯދައިފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އުޒްބެކިސްތާން އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެ، ޑީއާރު ކޮންގޯއިން މުބާރާތުގެ ގަދަ 32 ވަނަ ބުރުން ޖާގަ ހޯދައި، ފުޓްބޯޅައިގެ ތާރީހުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީއެއް ހޯދައިފިއެވެ.

މެޗުގެ ކުރީކޮޅު އުޒްބެކިސްތާނުގެ ކެޕްޓަން އެލްޑޯ ޝޮމުރޮޑޯވް ޖަހައިދިން ލަނޑާއެކު އެޓީމުން ވަނީ ލީޑު ނަގާފައެވެ. ފުރަތަމަ ހާފު ނިމުނުއިރު އުޒްބެކިސްތާނުން މެޗު ކޮންޓްރޯލް ކުރަމުން ދިޔަ ނަމަވެސް، ލީޑު ފުޅާކުރަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

ދެވަނަ ހާފުގައި ޑީއާރު ކޮންގޯއިން ފެނުނީ މުޅިން ތަފާތު ޓީމެއްގެ ގޮތުގައެވެ. އެޓީމުން މެޗުގެ ނަތީޖާ އަނބުރާލީ ޔޯން ވިސާ ކާމިޔާބުކޮށްދިން ޕެނަލްޓީއަކުންނެވެ. އޭގެ ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ފިސްޓަން މާޔޭލޭ ވަނީ ހިތްގައިމު ލަނޑެއް ޖަހައި، ފުރަތަމަ ފަހަރަށް ޑީއާރު ކޮންގޯއަށް މެޗުގެ ކުރިހޯދައިދީފައެވެ.

މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ވިސާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި، 3-1 އިން ޑީއާރު ކޮންގޯގެ މޮޅު ކަށަވަރުކޮށްދީފައެވެ. މިއީ ވޯލްޑް ކަޕްގެ ތާރީހުގައި އެ ގައުމުން ހޯދި ފުރަތަމަ މޮޅެވެ.

މި ތާރީހީ ކާމިޔާބީއާއެކު ގަދަ 32 ގެ ބުރުގައި ޑީއާރު ކޮންގޯ ބައްދަލުކުރާނީ ވަރުގަދަ އިންގްލެންޑާއެވެ. މުބާރާތުން އުޒްބެކިސްތާން ކެޓި ނަމަވެސް، ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ވާދަކޮށް އެ ގައުމުން ދެއްކި ހިތްވަރުގަދަ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު