މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)
މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގައި މަސައްކަތްކުރާ ސިފައިންގެ ޖުމްލަ އަދަދަށްވުރެ، ފެނަކަ ކޯޕަރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އިތުރުވެފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ބޮންޑާ ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެނަކައިގެ މުވައްޒަފުންގެ އަދަދު 3000 ގައި ހުރި ނަމަވެސް، މިހާރުގެ ސަރުކާރުން އެ އަދަދު 8000 އަށްވުރެ މައްޗަށް އިތުރުކޮށްފައިވާ ކަމަށެވެ.

ކުރީ ސަރުކާރުގައި މުވައްޒަފުން ގިނަވުމުގެ ކަންބޮޑުވުންތައް އޭރުގެ އިގްތިސާދީ ކޮމިޓީގައި ފާހަގަކޮށް، މުވައްޒަފުން މަދުކުރުމަށް މަސައްކަތްތަކެއް ކުރެވުނުކަން އޭނާ ފާހަގަކުރެއްވިއެވެ.

ބޮންޑާ އިތުރަށް ވިދާޅުވީ، ގައުމުގެ ދިފާއީ އެންމެހާ ކަންކަން ބަލަހައްޓާ އަސްކަރިއްޔާގައި ތިބި ސިފައިންގެ ޖުމްލަ އަދަދު 5000 ހަމަނުވާ ކަމަށެވެ.

"މުޅި ދިވެހިރާއްޖޭގެ އަސްކަރިއްޔާ ބަޑިގުދަނާ ހުރިހާ ތަންތަނުގައި މި ތިބި ހުރިހާ އެންމެ އެއްކޮށްލީމަ ވެސް 5000 ހަމަނުވޭ. ފެނަކަ އެކަނި 8000 މީހުން. މިއީ އިންޖީނުގެއެއް ހިންގަން އުޅޭ ބައެއް،" އޭނާ ވިދާޅުވިއެވެ.

އަސްކަރިއްޔާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޯސްޓުގާޑާއި، އަލިފާން ނިއްވާ ބައިތަކާއި، ވައިގެ ސިފައިންނާއި އަދި ރިޒާވް ސިފައިން ފަދަ ގިނަ ބައިތަކެއް ހިމެނޭކަން ފާހަގަކުރައްވައި، އިންޖީނުގެތައް ހިންގާ ކުންފުންޏެއްގެ މުވައްޒަފުންގެ އަދަދު މިހާ މަތީގައި ހުރުމަކީ ގަބޫލުކުރަން ދަތި އަދި ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް