ރައީސް ނަޝީދު
ރައީސް ނަޝީދު
ރައީސުލްޖުމްހޫރިއްޔާގެ މަގާމު ކުރިން އަދާކުރަށްވާފައިވާ ބޭފުޅަކު މުޒާހަރާއަކަށް ވަޑައިގަންނަވާ ނަމަ އެ ވަގުތަކަށް ސެކިއުރިޓީ މެދުކަނޑާލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ނިންމި ނިންމުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި ރައީސް ނަޝީދު ވިދާޅުވީ، ސެކިއުރިޓީ ކަނޑާލުމަށް ނިންމި ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް މުޒާހަރާތަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ މިއީ ރާއްޖޭގެ ސަލާމަތީ މަޝްރަހަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

ހަމައެއާއެކު ރައީސް ނަޝީދު ވިދާޅުވީ، ސިޔާސީ ވެރިންނަށް ދޭ ގިނަ ހަމަލާތަކަކީ އެއްވުންތަކުގެ ތެރެއިން ދޭ ހަމަލާތަކެއް ކަމަށެވެ. "އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. މިކަމާ ކަންބޮޑުވަނީ، އެނގިވަޑައިގަންނަވާނެ ސިޔާސީ ވެރިންނަށް ހަމަލާ ދެވިފައި ގިނައިން ހުރީ އެއްވުންތަކުގެ ތެރެއިން. ރާއްޖޭގެ އެކަންޏެއް ނޫން، ސައުތު އޭޝިއާއަށް ބައްލަވާލެއްވިޔަސް، އޭޝިއާ ގައުމުތަކަށް ބައްލަވާލެއްވިޔަސް، އެފްރިކާއަށް ބައްލަވާލެއްވިޔަސް، ގިނަ ފަހަރަށް ހަމަލާދެވިފައި ހުންނަނީ ސިޔާސީ އެއްވުމެއްގެ ތެރެއިން،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެއްވުންތަކަކީ ޓެރަރިސްޓު ހަމަލާއެއް އަތުވެދާނެ ކަމުގެ ބިރުވެރިކަން އަބަދުވެސް އޮންނަ ތަންތަން ކަމަށްވާތީ، ސަލާމަތީ ބާރުތަކުން އެންމެ ބޮޑަށް ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭނީ އެފަދަ ވަގުތުތަކުގައި ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ހަމަލާތަކުގެ ސަބަބުން ލީޑަރުންގެ އިތުރުން އެތައް ރައްޔިތުންނަކަށް ގެއްލުން ލިބުމުގެ ފުރުސަތު އޮތް ކަމަށް ވެސް ވިދާޅުވިއެވެ.

ކުރީގެ ރައީސުންނަށް ސެކިއުރިޓީ ފޯރުކޮށްދެނީ އެމްއެންޑީއެފްގެ ގަވާއިދެއްގެ ދަށުން ކަމަށްވާއިރު، ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ ރައީސް ނަޝީދު މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަތުން ހުއްޓުވުމަށް ނިންމި ނިންމުމެކެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ އެފަދަ ބިރަކަށް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. "އަޅުގަނޑުގެ ހިތެއް ނުބުނޭ އެއްވެސް ބޭފުޅަކު ރާއްޖޭގައި ހިތަށް އަރާފާނެ ކަމަށް އެގޮތަށް ބިރެއް ދައްކައިގެން އަޅުގަނޑު މަގުމައްޗަށް ނުނުކުމެ ހުރެދާނެ ކަމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑު ނުކުންނާނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސުން މުޒާހަރާތަކަށް ވަޑައިގަންނަވާއިރު، އެމްއެންޑީއެފްގެ ވީއައިޕީ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކުރުމަށް 241 ކޮމިޓީން ނިންމީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ސިއްރު ބައްދަލުވުމެއްގައެވެ. މި އިސްލާހު ކޮމިޓީއަށް ހުށަހެޅުއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. މި ނިންމުމަށް ތާއީދު ނުކުރައްވައި ކޮމިޓީގައި ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ އަބްދުލްޣަފޫރު މޫސާ އާއި، އެމްއެންޕީގެ މުހައްމަދު ނާޒިމްގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ.

މެއި 6، 2021 ގައި ދިން ބޮމުގެ ހަމަލާގައި ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންނެވި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ސެކިއުރިޓީ ކަނޑާލިޔަސް އަމިއްލަ ސަލާމަތަށް ބެލެން ހުރި މިންވަރަކުން ބައްލަވާނެ ކަމަށެވެ. ނޫސްވެރިކަމުން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތް ރައީސް ނަޝީދަކީ މީގެ ކުރިން ވެސް އިސްލާހީ މަސައްކަތްތަކުގައި މުޒާހަރާތަކުގެ ކުރީ ސަފުން ފެނި، އޭގެ ސަބަބުން ޖަލު ހުކުމްތައް ވެސް ތަންފީޒު ކުރަށްވާފައިވާ ބޭފުޅެކެވެ. އެމްޑީޕީގެ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ޕާޓީގެ މަގުމަތީގެ ހަރަކާތްތައް އިތުރުކުރައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވައުދުވެ ވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު