ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ)
ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ)
ބޭރު ގައުމުތަކަށް އައްޔަނުކުރާ ސަފީރުންނާއި ނޮން-ރެސިޑެންޓް ސަފީރުންނަކީ ރައްޔިތުންނަށް ބުރައަކަށް ވެގެންނުވާނެ ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ރާއްޖެއިން ބޭރު ގައުމުތަކަށް ސަފީރުން އައްޔަނު ކުރުމާ ގުޅޭ ގޮތުން ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ހުށަހެޅި ރިޕޯޓަށް ބަހުސް ކުރަށްވަމުން ޒިޔާދު ވިދާޅުވީ، މިދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި މަޖިލީހުން އެންމެ ގިނައިން ކުރެވޭ އެއް މަސައްކަތަކީ ސަފީރުންނާއި ނޮން-ރެސިޑެންޓް ސަފީރުން ކަނޑައެޅުން ކަމަށެވެ. ނަމަވެސް، ނުވެސް ދަންނަ ގައުމުތަކަށް އައްޔަނުކުރާ އެއްވެސް ސަފީރެއްގެ ފަރާތުން ގައުމަށް ލިބުނު ފައިދާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ، ސަފީރުކަމުގެ މަގާމުތަކަށް ގިނަ ފަހަރަށް އައްޔަނުކުރަނީ ވަޒީރުކަމުންނާއި އެހެނިހެން ބޮޑެތި މަގާމުތަކުން ސަރުކާރުން "އެހެލާ" ބޭފުޅުން ކަމަށެވެ. މި ބޭފުޅުންނަށް ދައުލަތުން ބޮޑު މުސާރަދީ، އާއިލާތަކުގެ ޚަރަދު ބަލަހައްޓަމުންދާއިރު، ގައުމަށް ބޭނުންވާ ބޭސްކޮޅު ފަދަ އަސާސީ އެހީތެރިކަމެއް ވެސް ބޭރު ގައުމުތަކުން ހޯދައިދެވިފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޒިޔާދު ވިދާޅުވީ، މިހާރުގެ ހާލަތަކީ "ފެތެމުންދާ އެއްޗަކަށް ކިތަންމެ މޮޅު މީހަކު އެރުވިޔަސް ދިޔަ ހިއްކަން" ޖެހޭ ފަދަ ހާލަތެއް ކަމަށެވެ. އެގޮތުން ސަފީރުންނަށް ވެސް ކުރަންޖެހިފައިވަނީ އެ މަސައްކަތް ކަމަށާއި، ސަރުކާރުން ހަމައެކަނި ކުރާ ކަމަކީ މޫނުމަތި ރީތިކޮށް މޮޅު ވާހަކަ ދެއްކުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ބޭރު ގައުމުތަކުގެ އެހީތެރިކަން ނުލިބެނީ ސަފީރުން ނެތިގެން ނޫން ކަމަށާއި، އެއީ ސަރުކާރަށް ބޭރު ގައުމުތަކުގެ އިތުބާރު ނެތުމުން ދިމާވާ މައްސަލައެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހަކީ ސަރުކާރު ފާރަވެރިވާން އޮތް ތަނެއްކަން ހަނދާންކޮށްދެއްވަމުން ޒިޔާދު ވިދާޅުވީ، ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން އެމްބަސީތައް ހިންގާއިރު އެއިން ގައުމަށް ލިބޭ މަންފާ ސީރިއަސްކޮށް ބަލަންޖެހޭ ކަމަށެވެ. އަދި ގައުމުގެ އިގްތިސާދީ ހާލަތު ގޯސްވެ، ޑޮލަރުގެ ރޭޓު މަތިވުމާއި ކުނީގެ މައްސަލަ ފަދަ ކަންކަމަށް ހައްލެއް ނުލިބި، ސަރުކާރުން އަބަދުވެސް ކަންކަން "ފެށެނީ" ކަމަށް ބުނެ ވަގުތު ބޭކާރު ކުރަމުންދާ ކަމަށް ވިދާޅުވެ ޒިޔާދު ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު