އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-
އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ އެއްވެސް ބިލެއް ނެތިގެން މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، ވަޒީރުން މަޖިލީހަށް ހާޒިރުވެވަޑައިގަންނަވަނީ ހަގީގީ މައްސަލަތަކުން ރައްޔިތުންގެ ސަމާލުކަން އަނބުރާލުމަށް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ސަރުކާރަށް ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފިއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތިގެން މިއަދުގެ ޖަލްސާވެސް 11:15 ގައި ނިންމާލަން ޖެހުނީ ސަރުކާރުން އެކަށީގެންވާ ބިލްތައް މަޖިލީހަށް ނުފޮނުވާތީ ކަމަށެވެ. އަދި ވަޒީރުން މަޖިލީހަށް ހާޒިރުކުރެވެނީވެސް މަޖިލިސް ހުސްކޮށް އޮންނާތީ ކަމަށާއި، އެމްޑީޕީން ވަޒީރުންނާ ކުރުމަށް 100 އަށްވުރެ ގިނަ ސުވާލު ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަޒީރުން ހާޒިރުކުރާއިރު ޕީއެންސީގެ މެންބަރުން ރޭވުމެއްގެ ތެރެއިން ސުވާލުތައް ލިޔެގެން އައިސް، ކުރީ ސަރުކާރުން ކުރި ކަންކަން ގޯސްކޮށް ދެއްކުމަށް ވަކި ސެޓް ޖަވާބުތަކެއް ނެރެން މަސައްކަތް ކުރާތަން އެބަފެނޭ. މީގެ ސަބަބުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ހަގީގީ ދައުރު އެބަ ގެއްލޭ،" މައުރޫފް ވިދާޅުވިއެވެ.

އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ، މިހާރު މަޖިލީހުގެ 80 އިންސައްތަ މަސައްކަތް ބިނާވެފައިވަނީ އެމްޑީޕީގެ މެންބަރުން ކުރާ ސުވާލުތަކަށް ވަޒީރުން ޖަވާބުދިނުމުގެ މައްޗަށް ކަމަށެވެ. ނަމަވެސް ވަޒީރުން މަޖިލީހަށް ވަޑައިގެން އިތުރުފުޅު ހައްދަވާ ކަމަށާއި، ކޮންމެ ކަމަކާ ގުޅިގެން ސުވާލުކުރުމުން "ކުރީ ސަރުކާރުގެ" ބަހަނާ ދައްކަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނާޒިލް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރަށް ތިން އަހަރުވެގެން ދާއިރުވެސް ކުރީ ސަރުކާރުގެ ވާހަކަ ދައްކަން ޖެހެނީ މި ސަރުކާރުގެ ނާގާބިލުކަމުން ރައްޔިތުންނަށް ކަންކަން ކޮށްނުދެވޭތީއެވެ.

މީގެ އިތުރުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ ގައުމުގައި ހިމަބިހި ފެތުރެމުންދާ މައްސަލާގައި ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ހިމަބިހީގެ ކޭސްތައް 100 އިން މަތީގައި ހުރިއިރު، އެކަމާ ގުޅޭގޮތުންނާއި ޓެސްޓު ކިޓުތައް ހުސްވި މައްސަލާގައި ވަޒީރާ ސުވާލުކުރުމުން، ސުވާލު ގިނަ ކަމަށް ބުނެ ޖަވާބު ނުދެއްވި ކަމަށެވެ.

"ވަޒީރުން 2018 އާއި 2023 އާ ދެމެދު ހިނގި ކަންކަމަށް ވަރަށް ފަރިތަ، އެކަމަކު މިހާރު ގައުމުގައި ހިނގާ ކަންކަމަށް ޖަވާބެއް ނުދެއްވާ. މަޖިލީހުގެ މެންބަރުން މިކަމާ އުފާކޮށް އަތްޖެހުމަކީ މަޖިލީހުގެ ހަޔާތުގައި ލަދުގަންނަންޖެހޭ ކަމެއް،" ޒިޔާދު ވިދާޅުވިއެވެ.

އެމްޑީޕީން ބުނީ މަޖިލީހުގެ ރިޔާސަތުން ވަޒީރުން އިތުރުފުޅު ހައްދަވާ މައްސަލަތައް ނުބަލާ ކަމަށާއި، މުޅި މަޖިލިސް ހިންގަމުންދަނީ ސަރުކާރުގެ އިހުމާލުތައް ފޮރުވުމަށް ރޭވިފައިވާ ނިޒާމެއްގެ ތެރެއިން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު