އިންޓަނޭޝަނަލް ފެސްޓިވަލް އޮފް އެކްސްޓްރީމް ވޯޓަރ-މޯޓަރ ސްޕޯޓްސް
އިންޓަނޭޝަނަލް ފެސްޓިވަލް އޮފް އެކްސްޓްރީމް ވޯޓަރ-މޯޓަރ ސްޕޯޓްސް
މޮސްކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 5 ވަނަ އިންޓަނޭޝަނަލް ފެސްޓިވަލް އޮފް އެކްސްޓްރީމް ވޯޓަރ-މޯޓަރ ސްޕޯޓްސް (ހައިޑްރޯފެސްޓް 2026) ގައި ރާއްޖޭގެ ފަރާތުން ބައިވެރިވާނެކަން މޯލްޑިވްސް ހައިޑްރޯ ސްޕޯޓްސް އެސޯސިއޭޝަން (އެމްއެޗްއެސްއޭ) އިން އިއުލާންކޮށްފިއެވެ.

މި މަހުގެ 10 އިން 20 އަށް ރަޝިއާގެ މޮސްކޯގައި ކުރިއަށްދާ މި ހަރަކާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައިޑްރޯފްލައިޓް އަދި އެކްސްޓްރީމް ވޯޓަރ ސްޕޯޓްސްގެ އެންމެ މޮޅު އެތުލީޓުން ބައިވެރިވެ، އެ މީހުންގެ ހުނަރު ދައްކާލުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

މި ދަތުރުގައި ރާއްޖޭގެ ޓީމު ލީޑް ކުރައްވާނީ ރާއްޖޭގައި ފްލައިބޯޑިންގ އަދި ހައިޑްރޯފްލައިޓް ކުޅިވަރު ތައާރަފުކޮށް، އެ ކުޅިވަރު ކުރިއެރުވުމުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ އިބްރާހިމް ހުސައިން (އިއްބަޑޭ) އެވެ.

އޭނާގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން، މި މުބާރާތުގެ މުހިންމު ފަރާތެއްގެ ގޮތުން ހަރަކާތްތެރިވުމަށް އޭނާއަށް ވަނީ ދައުވަތު ލިބިފައެވެ. މީގެ އިތުރުން، މި މުބާރާތުގެ ޕްރޮފެޝަނަލް ފްލައިބޯޑް ކެޓަގަރީގައި ރާއްޖޭގެ އިބްރާހިމް ނާއިފް ވާދަކުރާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

މި ދެ އެތުލީޓުންގެ ބައިވެރިވުމަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށާއި، މިއީ ރާއްޖެއަކީ ހައިޑްރޯފްލައިޓް އަދި އެކްސްޓްރީމް ވޯޓަރ ސްޕޯޓްސްގެ މަންޒިލެއްގެ ގޮތުގައި ބައިނަލްއަގްވާމީ ފެންވަރުގައި ޕްރޮމޯޓްކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އެމްއެޗްއެސްއޭ އިން ފާހަގަކުރެއެވެ.

އިބްރާހިމް ހުސައިންގެ ދަތުރާއި ހުރުމުގެ ހަރަދުތައް ރަޝިއަން ސްޕޯޓްސް ފެޑެރޭޝަނުން ހަމަޖައްސައިދީފައިވާއިރު، އިބްރާހިމް ނާއިފްގެ ބައިވެރިވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމުގެ މަސައްކަތް އެ އެސޯސިއޭޝަނުން މިހާރު ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު