މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މިދިޔަ ދެ މަހަށް ވުރެ ދިގު މުއްދަތަކަށް މެދުކެނޑިފައި އޮތް އީ-ޕާސްޕޯޓުގެ ޚިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފެށުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ. ޕާސްޕޯޓް ޕްރިންޓް ކުރުމަށް ބޭނުންކުރާ ބުކްލެޓް ލިބުމުގައި ދިމާވި ދަތިތަކަކާ ގުޅިގެން މި ޚިދުމަތް މެދުކަނޑާލީ މެއި މަހުގެ އަށް ވަނަ ދުވަހުއެވެ.

އިމިގްރޭޝަން ކޮންޓްރޯލާ ޖެނަރަލް އަޙްމަދު ފަސީހް ވިދާޅުވީ، ޕާސްޕޯޓު ހެދުމަށް ބޭނުންވާ ސާމާނު ގެނައުމަށް މިހާރު އޯޑަރުކޮށްފައިވާ ކަމަށެވެ. މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެތަކެތި ލިބޭނެ ކަމަށް ލަފާކުރެވޭއިރު، ތަކެތި ލިބުނުހާ އަވަހަކަށް އީ-ޕާސްޕޯޓުގެ ޚިދުމަތް އަލުން ފަށާނެ ކަމަށް އޭނާ ޔަގީންކޮށްދެއްވިއެވެ.

މި މުއްދަތުގެ ތެރޭގައި ޚިދުމަތް ދެމުން އައީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓެކެވެ.

އީ-ޕާސްޕޯޓުގެ ފީއަކީ 1,000 ރުފިޔާ ނަމަވެސް، މިހާރު ދޫކުރާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 600 ރުފިޔާއެވެ. އިމިގްރޭޝަނުން ވަނީ މިހާރު ހައްދާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުތައް، އޭގެ މުއްދަތު ހަމަވުމުގެ ކުރިން ކެންސަލޭޝަން ފީއަކާ ނުލައި އީ-ޕާސްޕޯޓަކަށް ބަދަލުކުރުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް ބުނެފައެވެ.

އީ-ޕާސްޕޯޓަކީ އޭގައި ހިމެނޭ ޗިޕްގެ އެހީގައި އި-ގޭޓް މެދުވެރިކޮށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ މަގުފަހިކޮށްދޭ ޒަމާނީ ވަސީލަތެކެވެ. ޚިދުމަތް މެދުކެނޑިފައި އޮތުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމަކަށް ވެފައިވާއިރު، އިމިގްރޭޝަނުން މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަކަށް ސްޓޮކް ހަމަކޮށް ޚިދުމަތް އާންމު ހާލަތަކަށް ގެނައުމަށެވެ.



ކިޔުންތެރިންގެ ހިޔާލު