ޑަލަސް، އެމެރިކާ: 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފޯރި ގަދަވަމުން އަންނައިރު، މުޅި ދުނިޔޭގެ ފުޓްބޯޅަ ސަޕޯޓަރުންގެ ލޯތްތައް މިހާރު އަމާޒުވެފައިވަނީ ސެމީ ފައިނަލުގައި ސްޕެއިނާއި ފަރަންސޭސިވިލާތް ބައްދަލުކުރާ ފޯރިގަދަ މެޗަށެވެ. މި މެޗަކީ މިހާތަނަށް މި މުބާރާތުގައި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ކުރިމަތިލުމަށް ވާއިރު، މީގެ އެންމެ ބޮޑު ސަބަބަކީ ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް އާއި ފަރަންސޭސި ކެޕްޓަން ކީލިއަން އެމްބާޕޭގެ ކުރިމަތިލުމެވެ.

މި ދެ ކުޅުންތެރިންނާ ބެހޭގޮތުން އެންމެ ފާހަގަކޮށްލެވޭ ތަފާސްހިސާބަކީ، ނޮކްއައުޓް މަރުހަލާގެ މެޗުތަކުގައި އެމްބާޕޭގެ މައްޗަށް ޔަމާލް ހޯދާފައިވާ ފުރިހަމަ ކާމިޔާބީއެވެ. މިހާތަނަށް އެކި މުބާރާތްތަކުގެ ނޮކްއައުޓް މަރުހަލާގައި މި ދެ ތަރިން ބައްދަލުކުރި ފަސް މެޗުންވެސް ކުރިހޯދާފައިވަނީ ޔަމާލްއެވެ.

ބައްދަލުކުރި ފަސް މެޗުގެ ނަތީޖާ އާއި ގޯލްތައް:

ޔޫއެފާ ޔޫރޯ 2024 ސެމީ ފައިނަލް: ސްޕެއިން 2-1 ފަރަންސޭސިވިލާތް (ޔަމާލް ގޯލެއް ޖެހި)

2025 ސްޕެނިޝް ސުޕަ ކަޕް ފައިނަލް: ބާސެލޯނާ 5-2 ރެއާލް މެޑްރިޑް (ޔަމާލް އާއި އެމްބާޕޭ ކޮންމެ ކުޅުންތެރިއަކު ގޯލެއް ޖެހި)

2025 ކޮޕާ ޑެލް ރޭ ފައިނަލް: ބާސެލޯނާ 3-2 ރެއާލް މެޑްރިޑް (އެމްބާޕޭ ގޯލެއް ޖެހި)

2025 ޔޫއެފާ ނޭޝަންސް ލީގު ސެމީ ފައިނަލް: ސްޕެއިން 5-4 ފަރަންސޭސިވިލާތް (ޔަމާލް ދެ ގޯލް، އެމްބާޕޭ އެއް ގޯލް)

2026 ސްޕެނިޝް ސުޕަ ކަޕް ފައިނަލް: ބާސެލޯނާ 3-2 ރެއާލް މެޑްރިޑް (ދެ ކުޅުންތެރިންކުރެ އެކަކަށްވެސް ގޯލެއް ނުޖެހޭ)

ސެމީ ފައިނަލުން ފްރާންސް ޖާގަ ހޯދުމަށްފަހު، ކުރިއަށް އޮތް ސްޕެއިން މެޗާ ގުޅޭގޮތުން ކީލިއަން އެމްބާޕޭ ވަނީ ވާހަކަދައްކާފައެވެ.

ސްޕެއިން ނުވަތަ ބެލްޖިއަމާ ކުރިމަތިލާން ޖެހިދާނެތީ އެކަމާ ބެހޭގޮތުން ސުވާލުކުރުމުން، ފްރާންސްގެ ކެޕްޓަން އެމްބާޕޭ ބުނެފައިވަނީ ވަކި ޓީމަކާ ދެކޮޅަށް ކުޅުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ. މިގޮތުން އޭނާ ބުނި ގޮތުގައި ކުރިމަތިލާން ޖެހެނީ ސްޕެއިނާ ކަމަށްވާނަމަ، އެކަމާ މައްސަލައެއް ނެތެވެ. އޭނާގެ ހިތުގައި ވަކި ޚާއްޞަ ޓީމަކާ ކުޅުމުގެ ވިސްނުމެއް ނެތެވެ. އަދި މެޗުގެ ނަތީޖާ އަންދާޒާކުރުމާއި އިދިކޮޅު ކުޅުންތެރިންނާ ބެހޭގޮތުން ވާހަކަދެއްކުމުގެ ބަދަލުގައި، އޭނާ ބުނީ މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދެނީ ކުޅުންތެރިންގެ ވަރުބަލިކަން ފިލުވައި، ކުރިއަށް އޮތް މެޗަށް ޓީމު ފުރިހަމައަށް ތައްޔާރުވުމަށް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތީ ވަރަށް އުނދަގޫ މެޗެއްކަން ފާހަގަކުރަމުން އޭނާ ބުނީ، ފްރާންސް ޓީމުން އެއްވެސް ޖެހިލުމެއް ނުވާނެ ކަމަށާއި އެމީހުން ތިބީ ކޮންމެ ޓީމަކާވެސް ކުރިމަތިލާން ތައްޔާރަށް ކަމަށެވެ.

ސެމީފައިނަލް މެޗުގެ ކުރިން ވާހަކަދައްކަމުން ޔަމާލް ބުނީ، މިފަދަ ކުރިމަތިލުމަކަށް އޭނާ ހުރީ ވަރަށް ބޮޑަށް އުންމީދުކޮށްގެން ކަމަށެވެ. "ވަރަށް ބޮޑަށް އުންމީދުކުރެވޭ. މުބާރާތް ފެށުނީއްސުރެ އަހަރެމެން އެންމެންވެސް ތިބީ މިފަދަ މެޗަކަށް އިންތިޒާރުކޮށްގެން. އަހަރެން ގަބޫލުކުރާ ގޮތުގައި މި މުބާރާތުގެ އެންމެ މޮޅު ދެ ޓީމަކީ ސްޕެއިން އާއި ފަރަންސޭސިވިލާތް،" ބެލްޖިއަމް މެޗަށްފަހު ޔަމާލް ބުންޏެވެ.

ބާސެލޯނާގެ ވިންގަރ ޔަމާލް އިތުރަށް ވާހަކަދައްކަމުން، މި މެޗުގައި ސްޕެއިންގެ ރޭވުންތެރިކަން ހުންނާނެ ގޮތުގެ މައްޗަށްވެސް އަލިއަޅުވާލިއެވެ. އޭނާ ލަފާކުރާ ގޮތުގައި ފަރަންސޭސިވިލާތުން މެޗުގެ ކުރީކޮޅު ވަރަށް އެގްރެސިވްކޮށް ކުޅޭނެއެވެ. "އަހަރެން އުންމީދުކުރަނީ ފަރަންސޭސިވިލާތުން ވަރަށް ބާރަށް އަހަރެމެންނަށް ފިއްތުންތައް ކުރިމަތިކުރާނެ ކަމަށް. އެކަމަކު މުޅި މެޗުގައި އެގޮތަށް އެކަން ނުދެމެހެއްޓޭނެ. އަހަރެމެން ކުޅޭނީ އަހަރެމެންނަށް އެނގޭ އަހަރެމެންގެ އަމިއްލަ ގޭމް،" އޭނާ އިތުރަށް ބުންޏެވެ.

މި ދެ ކުޅުންތެރިން ޑަލަސްގައި ބައްދަލުކުރާއިރު، މިއީ ޔަމާލް އޭނާގެ ފުރިހަމަ ރެކޯޑް ދަމަހައްޓާނެ މެޗެއްތޯ ނުވަތަ އެމްބާޕޭ ފުރަތަމަ ފަހަރަށް ޔަމާލްގެ މައްޗަށް ކުރިހޯދައި ވޯލްޑް ކަޕް ފައިނަލަށް ދާނެ މެޗެއްތޯ ބެލުމަށް މުޅި ދުނިޔެ އޮތީ ކެތްމަދުވެފައެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ދެ ކްލަބާއި ދެ ގައުމު ތަމްސީލުކުރާ މި ދެ ތަރިންގެ ވާދަވެރިކަމަކީ ފުޓްބޯޅައިގެ ތާރީޚުގައި ލިޔެވިގެންދާނެ އައު ފެށުމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު