މިހާރުގެ ސަރުކާރު ނިމިއްޖެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމުގައި ހުންނެވުމަކީ މިވަގުތު ގައުމަށް ދެވޭނެ އެންމެ ބޮޑު ގެއްލުން ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޖަމީލް ވިދާޅުވީ، ސަރުކާރުން ކިތަންމެ ބަހަނާއެއް ދެއްކި ނަމަވެސް، މި ސަރުކާރަށް ރާއްޖޭގެ އިގްތިސާދު ހަމަޔަކަށް ނޭޅޭނެކަން މިހާރު ކަށަވަރުވެފައިވާ ކަމަށެވެ. ޚާއްސަކޮށް ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާ ދިއުމަށް އިޝާރާތް ކުރައްވައި ޖަމީލް ވިދާޅުވީ، މިއަދު ޑޮލަރެއްގެ އަގު ހުރީ 20.80 ރުފިޔާގައި ކަމަށެވެ.

"ސަރުކާރު ނިމިއްޖެ. ކިތައްމެ ބަހަނާއެއް ދެއްކިޔަސް މިސަރުކާރަކަށް އިގްތިސާދު ހަމަޔަކަށް ނޭޅޭނެ. މިއަދު ޑޮލަރު އެހުރީ 20:80 ގައި. އަނެއްކޮޅުން ޑޮލަރެއް ލިބެން ނެތް. ސަރުކާރު ކުންފުނިތައް ބަނގުރޫޓްވެއްޖެ،" ޖަމީލްގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

ޖަމީލް މިފަދަ ވަރުގަދަ ބަސްމަގަކުން ސަރުކާރަށް ފާޑުވިދާޅުވެފައި މިވަނީ، ސަރުކާރުގެ މަސްކުންފުނި (މިފްކޯ) އިން އެ ކުންފުނީގެ މުވައްޒަފުންނަށް ޑޮލަރު ވިއްކަމުން އައި އައުން މެދުކަނޑާލިކަން އަންގައި ބަޔާނެއް ނެރުމާ ގުޅިގެންނެވެ.

ރައީސް މުއިއްޒަށް އަމާޒުކުރައްވައި ޖަމީލް އިތުރަށް ވިދާޅުވީ، އިގްތިސާދީ މި ނާޒުކު ދަނޑިވަޅުގައި ރައީސް މުއިއްޒަށް ކަންކަން އިސްލާހު ނުކުރެވޭނެކަން ސާފުވެފައިވާ ކަމަށެވެ. "މުއިއްޒު ވެރިކަމުގައި ހުރުމަކީ ގައުމަށް މިވަގުތު ދެވޭނެ އެންމެ ބޮޑު ގެއްލުން! މުއިއްޒަކަށް ތިކަމެއް ނުވިނޫންތޯ؟ މާބޮޑަށް ލަސްނުވަނީސް ގެއަށް ވަޑައިގަންނަވާ!" ޖަމީލް ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށާއި އިގްތިސާދީ އިސްލާހީ ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޚާއްސަކޮށް ކުންފުނިތަކުގެ ހިންގުން ބުރަވެ، މުވައްޒަފުންނަށް ދެމުންދިޔަ އިނާޔަތްތައް ކަނޑާލަން ޖެހުމަކީ ގައުމުގެ މާލީ ހާލަތު އިންތިހާއަށް ގޯސްވެފައިވާ ކަމުގެ ހެއްކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު