އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ތިލަފުށީގައި ހިންގި އޮަޕަރޭޝަން، ފޮޓޯ: ފުލުހުން
އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ތިލަފުށީގައި ހިންގި އޮަޕަރޭޝަން، ފޮޓޯ: ފުލުހުން
ކ. ތިލަފުށީގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހާއްސަ އެންފޯސްމަންޓް އޮޕަރޭޝަނެއް ހިންގައިފިއެވެ.

އިއްޔެ ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ދެނެގަނެ، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަރުހަލާތައް ކުރިއަށް ގެންދިއުމެވެ.

މި އޮޕަރޭޝަނުގައި ޖޮއިންޓް ޓީމުތަކުން ވަނީ ތިލަފުށީގެ ސިނާއީ މަސައްކަތްތައް ކުރާ ސަރަހައްދުތަކާއި، ވިޔަފާރިކުރާ ފިހާރަތަކާއި ކެންޓީންތަކުގެ އިތުރުން މީހުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތައް ބަލައި ފާސްކޮށްފައެވެ. އޭގެ ތެރޭގައި ތިލަފުށީ ފެރީ ޓާމިނަލް ސަރަހައްދާއި، ސްޓެލްކޯ ޓީ-ޖެޓީ ސަރަހައްދުގެ އިތުރުން އެ ރަށުގެ އެކި ޒޯންތަކުގައި ހުރި ގުދަންތަކާއި މަސައްކަތްކުރާ ސައިޓުތައް ހިމެނެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ބަލައި ފާސްކުރުމުގެ ތެރެއިން ޖުމްލަ 35 ބިދޭސީއަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މީގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 31 މީހުންނާއި، އިންޑިއާގެ 3 މީހުން އަދި ނޭޕާލްގެ މީހެކެވެ.

މި މީހުން ހިފެހެއްޓި ސަބަބުތަކަށް ބަލާއިރު، ރާއްޖޭގައި ތިބުމަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު ހަމަވެފައިވުމާއި، މަސައްކަތް ކުރުމުގެ ހުއްދަ ނެތް ތަންތަނުގައި ވަޒީފާ އަދާކުރުން ހިމެނެއެވެ. މީގެ އިތުރުން، އަމިއްލައަށް ވިޔަފާރި ހިންގައިގެން އާމްދަނީ ހޯދުމާއި، ވޯކް ޕާމިޓް ފީ ނުދައްކާ އުޅުމުގެ މައްސަލަތައް ފާހަގަކުރެވިފައިވެއެވެ. އަދި ބައެއް މީހުންނަކީ އެމީހުން މަސައްކަތްކުރާ ކުންފުނިތަކުން ފިލައިގެން އުޅޭކަމަށް ރިޕޯޓުކޮށްފައިވާ މީހުންކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

އޮޕަރޭޝަނުގައި އަތުލައިގަތް މީހުން މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކުރެވިފައެވެ. އެ އިދާރާއިން މިހާރު ދަނީ އެމީހުންގެ މައްސަލަތައް ތަހުގީގުކޮށް، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، އަނބުރާ ގައުމަށް ފޮނުވާލުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިދާރީ މަރުހަލާތައް ފުރިހަމަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު