ފެނަކަ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހުސެއިން އަފީފް
ފެނަކަ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހުސެއިން އަފީފް
ފެނަކަ ކޯޕަރޭޝަނުން ކުރިއަށް ގެންދިޔަ ރިޑަންޑަންސީ ޕްރޮގްރާމްގައި ބައިވެރިވެ، އަމިއްލައަށް ވަޒީފާއިން ވަކިވާން އެދިފައިވަނީ އެ ކުންފުނީގެ 8،000 މުވައްޒަފުންގެ ތެރެއިން އެންމެ 108 މުވައްޒަފުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހުސެއިން އަފީފް ވިދާޅުވެއްޖެ އެވެ.

މިއީ އެ ކުންފުނީގެ ޖުމްލަ މުވައްޒަފުންގެ އާބާދީގެ އެންމެ 1.3 ޕަސެންޓު މުވައްޒަފުންނެވެ. ވަޒީފާ ދޫކޮށްލާ މުވައްޒަފުންނަށް ހަތަރު މަހުގެ މުސާރަ ލިބޭގޮތަށް ހަމަޖައްސާފައިވާ މި ޕްރޮގްރާމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.

ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް އަމިއްލަ މަސައްކަތެއް ފެށުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، ފިނޭންސް މިނިސްޓްރީއާ ގުޅިގެން މޯގޭޖް ކުރުމަކާ ނުލާ ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާކަންވެސް އަފީފް ފާހަގަކުރެއްވި އެވެ.

އެ މުވައްޒަފުން ގޭގައި ތިބެން ޖެހުމަކީ ރަށަށް ލިބޭ ގެއްލުމެއް ކަމަށާއި، މި ލޯނު ސްކީމްގެ ބޭނުމަކީ އެ ފަރާތްތަކަށް އާމްދަނީ ލިބޭނެ އިތުރު މަގެއް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފެނަކައިގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަފީފް ވަނީ އެ ކުންފުނީގެ މުސާރައިގެ ހަރަދުތައް ބޮޑުކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން މުވައްޒަފުންގެ މުސާރައަށް މަހަކު 90 މިލިއަން ރުފިޔާ، އަދި އަހަރަކަށް ބަލާނަމަ އެއް ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހޭދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ބައެއް ޔުނިޓުތަކުގައި މުވައްޒަފުން މަދުކަމަށާއި، އަނެއްބައި ތަންތަނުގައި އެއްވެސް މަސައްކަތެއް ނެތި މުވައްޒަފުން ތިބިކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އަފީފް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު