ވިއްސާރަ މޫސުމަކީ ވައިގެ ތެތްކަން މަތިވުމުގެ ސަބަބުން އިސްތަށިގަނޑަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ދުވަސްވަރެކެވެ. މި ދުވަސްވަރު އިސްތަށިގަނޑު ހަލާކުވުމުން ސަލާމަތްކޮށް، ކުރަކިވިޔަ ނުދީ ބެހެއްޓުމަށްޓަކައި ތަޖުރިބާކާރުން ދެއްވާ މުހިންމު އިރުޝާދުތަކެއް ތިރީގައި އެވަނީއެވެ.

އެންމެ ފުރަތަމަ ކަމަކީ ވާރޭފެނުން އިސްތަށިގަނޑު ރައްކާތެރިކުރުމެވެ. ވާރޭފެނަކީ އޭގައި ތަފާތު ކެމިކަލްތަކާއި ނުސާފު މާއްދާތައް އެކުލެވޭ އެއްޗެކެވެ. މީގެ ސަބަބުން އިސްތަށިގަނޑުގެ ބަލްބުތަކަށް ގެއްލުންވެ، އިސްތަށި ފޭބުމަށް މެދުވެރިވެއެވެ. އެހެންކަމުން ވާރޭފެނުން އިސްތަށިގަނޑު ތެމިއްޖެނަމަ، ލަސްނުކޮށް ސާފު ފެނުން އިސްތަށިގަނޑު ދޮވެލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ދެވަނަ ކަމަކީ އިސްތަށިގަނޑު ދޮވުމަށް ބޭނުންކުރާ ސާމާނަށް ސަމާލުވުމެވެ. ވިއްސާރަ ދުވަސްވަރު އިސްތަށިގަނޑު ތެތްކޮށް ހުރުމުގެ ސަބަބުން ފޫހިޖެހުމާއި ތެޔޮވުން އިތުރުވެއެވެ. މިކަމަށް އޮތް ހައްލަކީ މައިލްޑް ޝޭމްޕޫއެއް ބޭނުންކުރުމެވެ. ސަލްފޭޓް އެކުލެވިގެންނުވާ ޝޭމްޕޫ ބޭނުންކުރުމުން އިސްތަށިގަނޑުގައި ހުންނަންޖެހޭ ގުދުރަތީ ތެޔޮކަން ނުގެއްލި، އިސްތަށިގަނޑު ސާފުކޮށްދޭނެއެވެ.

ތިންވަނަ ކަމަކީ ކޮންޑިޝަނަރ ބޭނުންކުރުމެވެ. ވައިގެ ތެތްކަން ބޮޑުވުމުން އިސްތަށިގަނޑު ކުރަކިވެ، ފަންކަން ގެއްލެއެވެ. މިކަމުން ސަލާމަތްވުމަށްޓަކައި ކޮންމެ ފަހަރަކު އިސްތަށިގަނޑު ދޮވުމަށްފަހު ރަނގަޅު ކޮންޑިޝަނަރެއް ނުވަތަ ހެއަރ ސީރަމްއެއް ބޭނުންކުރުން މުހިންމެވެ. މީގެ ސަބަބުން އިސްތަށިގަނޑުގައި އޮމާންކަން ހިފަހައްޓައިދީ، އިސްތަށިގަނޑު ފްރިޒް ވުމުން ދުރުކޮށްދޭނެއެވެ.

ހަތަރުވަނަ ކަމަކީ ތެތްކޮށް ހުންނައިރު އިސްތަށިގަނޑު ނުއޮޅުވުމެވެ. އިސްތަށިގަނޑު ތެތްކޮށް ހުންނަ ވަގުތަކީ އެންމެ ބަލިކަށި ވަގުތެވެ. އެހެންކަމުން ތެތްކޮށް ހުންނައިރު އުނދުނުން ނުވަތަ ހިމަ ފުނާ އިން ފުނާ ނޭޅުމަށް ސަމާލުކަން ދޭންޖެހެއެވެ. އޭގެ ބަދަލުގައި ފުޅާ ދަތް ހުންނަ ފުނާއެއް ބޭނުންކުރުމުން އިސްތަށިގަނޑު ބިންދައިގެން ދިއުމާއި ހަލާކުވުން ކުޑަކޮށްދެއެވެ.

ފަސްވަނަ ކަމަކީ އިސްތަށިގަނޑު އައްސާލާއިރު މާ ބާރަށް ނޭއްސުމެވެ. ވިއްސާރަ މޫސުމުގައި އިސްތަށިގަނޑު ބާރަށް އައްސާފައި ބެހެއްޓުމުން، އިސްތަށިގަނޑުގެ ބޯކޮޅަށް ލިބޭ ލޮޅުން ބޮޑުވެ އިސްތަށި ފޭބުން އިތުރުވެއެވެ. އެހެންކަމުން، ދޫކޮށް ހުންނަ ގޮތަށް އިސްތަށިގަނޑު އައްސާލުން ނުވަތަ ގަތާލުން މާ ރަނގަޅުވާނެއެވެ.

މި ފަސޭހަ ފަރުވާތަކަށް ސަމާލުކަން ދިނުމަކީ ވިއްސާރަ މޫސުމުގައިވެސް އިސްތަށިގަނޑުގެ ދިރުމާއި ރީތިކަން ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަންކަމެވެ.



ކިޔުންތެރިންގެ ހިޔާލު