އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރެއްވުމަށްފަހު ނަޝީދާއި ޝާހިދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ
އިލެކްޝަންސް ކޮމިޝަނާ ބައްދަލުކުރެއްވުމަށްފަހު ނަޝީދާއި ޝާހިދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ
އިލެކްޝަންސް ކޮމިޝަނަށް އޮތް އިތުބާރު ބޮޑުކުރުމަށްޓަކައި އެމްޑީޕީގެ ލީޑަރޝިޕުން މުހިންމު ހުށަހެޅުންތަކެއް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނާ މެދު އާންމުންގެ މެދުގައި އޮތް އިތުބާރު ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް، އެމްޑީޕީގެ ޗެއާޕާސަން ރައީސް ނަޝީދާއި، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މިއަދު މެންދުރުފަހު އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއީ އިލެކްޝަންސް ކޮމިޝަނުގެ ދައުވަތަކަށް ބޭއްވުނު ބައްދަލުވުމެއް ކަމަށާއި، އެމްޑީޕީން ހުށަހެޅި ކަންކަން ތަންފީޒުކުރުމުގައި ކޮމިޝަނުން އަމަލީ ސިފަ ގެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ކޮމިޝަނުގެ މަސައްކަތްތަކާމެދު ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމެވެ. އަދި ޕާޓީގެ ފަރާތުން ހުރި ކަންބޮޑުވުންތަކާއި އިސްލާހީ ހުށަހެޅުންތައް ވަރަށް ސާފުކޮށް ކޮމިޝަނާ ހިއްސާކޮށްފައިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، މި ބައްދަލުވުމުގައި ހުށަހެޅި ވަކިވަކި ކަންކަމުގެ ތަފްސީލެއް އެމްޑީޕީގެ ލީޑަރޝިޕުން ހާމައެއް ނުކުރެއެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެ ތަފްސީލުތައް ހާމަކުރާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

މިއީ މުހައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެމްޑީޕީގެ ލީޑަރޝިޕާއެކު ބޭއްވެވި ފުރަތަމަ ރަސްމީ ބައްދަލުވުމެވެ.



ކިޔުންތެރިންގެ ހިޔާލު